ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ޒުވާނުންނަށް ޔޫޓިއުބް މޮނެޓައިޒޭޝަންގެ ހިދުމަތްވެސް ލިބިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަހުން އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުވުމަކީ ފެށުމެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޕޭޕަލްގެ ފުރިހަމަ ހިދުމަތްތަކާއެކު، ޔޫޓިއުބް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގު ދިވެހިންނަށް ފަހިކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެތެރެއިންވެސް އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކަންތައްތައް ވާނެކަމަށް އުންމީދު ކުރެވޭ، މިސާލަކަށް، ޔޫޓިއުބް މޮނެޓަޒޭޝަން، އޭގެތެރެއިން އެމީހުން ގޫގުލްއިން، ވަރަށް އަވަހަށް ހަމަޖައްސައިދިނުމުގެ މަސައްކަތް އެބަ ކުރޭ" ރައީސް ވިދާޅުވިއެވެ.
މިއީ 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ތެރެއިން ކުރެވުނު މުހިންމު މަޝްވަރާތަކެއްގެ ނަތީޖާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގޫގުލްގެ "ދިވަރު" ސަބްމެރިން ކޭބަލް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ކޭބަލްގެ ލޭންޑިން ޕޮއިންޓެއް އައްޑޫ ސިޓީގައި ގާއިމުކުރެވޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ."
"ޔޫޓިއުބް މޮނެޓައިޒޭޝަން، އޭގެތެރެއިން އެމީހުން ގޫގުލްއިން ވަރަށް އަވަހަށް ހަމަޖައްސައިދިނުމުގެ މަސައްކަތް އެބަކުރޭ،" ރައީސް ވިދާޅުވިއެވެ.
އެ ހިދުމަތް ލިބުމުން ކޮންޓެންޓް ކްރިއޭޓަރުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ޖީޑީޕީގެ 15 ޕަސަންޓަކީ ޑިޖިޓަލް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުންކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަގަށް ވާސިލުވުމަށްޓަކައި ޕޭޕަލް ފަދަ ހިދުމަތްތައް ގެނައުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު ހަމަޖެއްސުމަށް ސަރުކާރުން މިދިޔަ އެއް އަހަރު ދުވަހު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމުގައި އުރީދޫން ދިން އެއްބާރުލުމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް