ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރުމުގެ ގޮތުން އެ އަތޮޅު އިސްދޫ-ކަލައިދޫގައި އެއާޕޯޓެއް ހަދަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ވީޑިއޯއެއްގައިވަނީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމަށް އިސްދޫ-ކަލައިދޫގައި އެއާޕޯޓެއް ހަދަން ނިންމާފައިވާ ކަމަށެވެ.

ލ. އަތޮޅަކީ ގުދުރަތީގޮތުން ރީތި، ތާރީހީ ގޮތުން މުއްސަނދި އަދި ރަނގަޅު އިގުތިސޯދެއް ބިނާކުރުމުގެ ފުރުސަތު އޮތް އަތޮޅެއް ކަމަށް އެ ވީޑިއޯގައި ވަނީ ބުނެފައެވެ. އެގޮތުން އެ އަތޮޅު ކުރިއަރައިގެން އަންނަ އިރު ދަތުރުފަތުރުގެ ނިޒާމް ކުރިއަރުވައި އިތުރު އެއާޕޯޓަކަށް އެ އަތޮޅުގެ ރައްޔިތުން ބޭނުންވެފައިވާ ކަމަށެވެ.

މިހާރު އެއަތޮޅުގައި އެއާޕޯޓެއް އޮންނަނީ ކައްދޫގައެވެ.

އެއާޕޯޓު ހަދަން ނިންމާފައިވާ އިސްދޫ-ކަލައިދޫއަކީ ރާއްޖޭގައި ބިމުގެ ގޮތުން އެެންމެ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ އެރަށަކީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ރަށަށް ބޭނުން ވަނީ ރަނގަޅު އިގުތިސޯދެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި ރަށުގެ ވަށައިގެން ހުރި އެހެން ރަށްތަކުގެ ގުދުރަތީ ރީތިކަމާ އެކު ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުސަތުތައް ކަމަށެވެ.

އަދި މި އެއާޕޯޓާއެކު އިސްދޫ ކަލައިދޫގެ ރައްޔިތުން މިހާރު ކައްދުއަށް ދިޔުމަށް 45 މިނެޓުގެ ދަތުރެއް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެ ރަށުގައި އެއާޕޯޓު ހެދުމުން ލ. މާބައިދޫ އަދި ދަނބިދޫ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.