ހަގުރާމަ ހުއްޓާލުމާއެކު ދާއިމީ ސުލްހަނާމާއެއް ގާއިމުކުރުމުގެ ގޮތުން ފަސްދޮޅަސް ދުވަހަށް ދެމިގެންދާ މަޝްވަރާތަކެއް ފަށަން އެމެރިކާޔާއި އީރާނުން ވަނީ މި ޖޫންމަހުގެ ސަތާރަވަނަ ދުވަހު އެއްބަސްވެފައެވެ. އެކަމުގެ ދެނެގަތުމެއްގައި ދެ ގައުމުގެ ރައީސުން ވަނީ ސޮއިކުރައްވައިފައެވެ. އޭގެފަހުން މިހާތަނަށް ބަރާބަރު އެއްހަފުތާ ފާއިތުވެގެން ހިގާއްޖެއެވެ. ދެފަރާތުގެ މެދުގައި ވެވިފައިވާ އިބްތިދާއީ އެއްބަސްވުމަށް އަމަލުކުރެވެމުން އެބަދޭހެއްޔެވެ. ފެންނަމުންދަނީ ކޮންމަންޒަރުތަކެއް ހެއްޔެވެ. އިވެމުންދަނީ ކޮންއަޑުތަކެއް ހެއްޔެވެ. ހަމަގައިމުވެސް ޖޫން އެކާވީހުން ފެށިގެން ދެފަރާތުގެ މެދުގައި ސުވިޒަލެންޑުގެ ފަރުބަދަމަތީގެ ހިތްގައިމު ރިސޯޓެއްގައި މަޝްވަރާތައް ދަނީ ކުރިއަށެވެ. އެންމެމަތީ ފެންވަރުގައެވެ. ވެރިންނަކީ އެމެރިކާގެ ނާއިބުރައީސް ޖޭޑީ ވޭންސާއި އީރާނުގެ ޕާލަމެންޓުގެ ސްޕީކަރު މުހައްމަދު ބާގިރު ގާލީބާފެވެ. އެކަމަކު މަޝްވަރާތައް ފެށުނީ ކުރިން ހަމަޖެހުނު ތާރީޚަށްވުރެ ހަތަރު ދުވަސް ފަހުންނެވެ.

މަޝްވަރާތައް ކުރިއަށްދަނީ ޕާކިސްތާނާއި ގަތަރުގެ މެދުވެރިކަމުގެ ދަށުން އެ ދެގައުމުގެ މަންދޫބުންގެވެސް ބައިވެރިވުމާ އެކުގައެވެ. ވާހަކަތަކުން އަދި ލިބެމުންދަނީ އުންމީދުގެ އަލިކަމެވެ. މަޝްވަރާތައް ކުރިއަށްދާއިރު ހިގަމުންމިދާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި ދެފަރާތުންވެސް ކުރުމަށް އިބްތިދާއީ އެއްބަސްވުމުގައި ލާޒިމްކުރާ ބައެއް ކަންކަން މިހާރުވެސް ކޮށްފައިވާ ކަމަށް ފެނެއެވެ. އީރާނުން ހޮރުމުޒް ކަނޑުއޮޅި ހުޅުވާލައިފިއެވެ. ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުތައް ވަނީ ފެށިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ އުޅަނދެއް މި ކަނޑުއޮޅި މިހާރު ހުރަސް ކުރަމުންދެއެވެ. އީރާނުގެ އައްސޭރި ބަންދުކޮށް އެމެރިކާގެ ނޭވީން ގާއިމުކޮށްފައިވާ ބްލޮކޭޑުވެސް އުވާލައިފިއެވެ. އެކަން ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އިއުލާނު ކޮށްފައެވެ. ބުންޏެވެ. އީރާނުގެ ބަނދަރުތަކަށް ވަންނަ އުޅަނދުތަކާއި ނިކުންނަ އުޅަނދުތަކަށް އެމެރިކާގެ މަނަވަރުތަކުން ދެން ހުރަހެެއް ނާޅާނެއެވެ. ހިފެހެެއްޓުމެއްވެސް ނޯންނާނެއެވެ. އެކަން ނިމިއްޖެއެވެ.

އީރާނާއި އެމެރިކާގެ މެދުގައި އޮޅިގެންވިޔަސް އައު ހަމަލާތަކެއް ބަދަލުކުރަން މެދުވެރިވެދާނެ ފުރުސަތު ހަނިކުރުމަށްޓަކައި ދެފަރާތުގެ ހޮޓްލައިނެއްވެސް މިހާރު ވަނީ ގާއިމުކުރެވިފައެވެ. އެކަމަކު އެއީ އަދި ވަގުތީގޮތުންނެވެ. އީރާނުގެ ތެލުގެ އެކްސްޕޯޓަށް ބައިނަލްއަގުވާމީ އެކި އިދާރާތައް މެދުވެރިކޮށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ނުވަތަ އަޅާފައިވާ ހުރަސްތައް ވޮޝިންޓަނުން ވަނީ ވަގުތީގޮތުން އުވާލައިފައެވެ. ދެމަސް ދުވަހަށެވެ. އެހެންވީމާ ހުރިހާ ގައުމަކަށްވެސް މިހާރު އީރާނުގެ ތެޔޮ ގަނެވޭނެއެވެ. ހަމައެކަނި ތެލެއް ނޫނެވެ. އީރާނުން ބޭރުކުރާ އެއްވެސް މުދަލަކަށް ހުރަހެއް ނެތެވެ. އެމެރިކާޔާއި އެމެރިކާގެ ބައިވެރިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން ބާރަ ބިލިޔަން ޑޮލަރުވެސް ދޫކޮށްފިއެވެ. އީރާނަށް އެފައިސާ ދީފިއެވެ. ކުރިއަށްއޮތްތަނުގައި އިތުރު ފައިސާވެސް ދާނީ ދޫކުރަމުންނެވެ. ކޮންމެއަކަސް އަމަލުކުރެވެމުން ފުރިހަމަވަމުންދާ ކަމަށް ގިނައިން ފެންނަނީ އީރާނުގެ ޝަރުތުތަކެވެ. އެމެރިކާއިން ކުރަންޖެހޭނެ ކަމަށް އީރާނުން ބުނެފައިވާ ކަންކަމެވެ.

ލުބުނާނުގައި ހިގަމުންދާ ހަގުރާމަ ހުއްޓުވުމަކީވެސް އިބްތިދާއީ އެއްބަސްވުމުގައި އެމެރިކާއަށް ލާޒިމު ކަމެކެވެ. އެކަން ކުރުމާއި ނުކުރުމުގެ އިޚުތިޔާރުއޮތީ އިޒްރޭލަށެވެ. މިހާތަނަށް އިޒްރޭލުން ބުނަމުން އައީ އެކަން ނުކުރާނޭ ކަމުގައެވެ. ހަގުރާމަ ހުއްޓާނުލާނޭ ކަމުގައެވެ. އަދި ލުބުނާނުގެ ދެކުނުބިތުން އިޒްރޭލް ފޭރިގެންފައިވާ ބިންތަކުން ފޭބުމެއްވެސް ނެތްކަމުގައެވެ. އެކަމަކު މިހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ލުބުނާނުގެ މަސްރަހަށް ހިސާބެއްގެ ހިމޭންކަމެއް އަތުވެއްޖެކަމަށް ފެނެއެވެ. ހިމޭންކަން މިއައީ ލުބުނާނަށް ސުލްހަ ގެނައުމުގެ މައްޗަށް އެމެރިކާގެ ބާރުއެޅުމުގެ މަތިން ލުބުނާނާއި އިޒްރޭލުގެ އޮފިޝަލުންގެ މެދުގައި ވާހަކަތަކެއް ފެށުމާވެސް ގުޅިގެންނެވެ. މިއީ މިކަމާމެދު މި ދެފަރާތުގެ މެދުގައި ފެށުނު ފަސްވަނަ ބުރުގެ ވާހަކަތަކެވެ. ވާހަކަތައް ކުރިއަށްދަނީ ވޮޝިންޓަނުގައި ހުންނަ އެމެރިކާގެ ޚާރިޖިއްޔާގައެވެ. އެމެރިކާއިން ވަނީ ލުބުނާނުން އިޒްރޭލުގެ ފައުޖުތައް ބޭލުމާބެހޭ ކަރުދާހެއްވެސް ހުށައަޅައިފައެވެ.

ދޭތެރެ ދޭތެރެއިން ގޮވުންތަކެއްގެ އަޑު އިވުނަސް ލުބުނާނުގެ ހަގުރާމައަށް ހިސާބެއްގެ ފިނިކަމެއް އަންގާރަ ދުވަހުން ފެށިގެން އަތުވެއްޖެއެވެ. އެކަމުގައި އެމެރިކާއިން ސީރިއަސް މަސައްކަތްތަކެއް ކުރާކަމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ.

މަތީގައި ބަޔާން މިކުރެވުނީ ތަންފީޒުވަމުންދާ ކަންކަމުގެ ވާހަކައެވެ. އޭގެމާނައަކީ އެއްވެސް ދެބަސްވުމެއް، ޚިލާފުތަކެއް ނެތުމެއް ނޫނެވެ. ދެފަރާތުގެ ވާހަކަތަކަށް ވިސްނާއިރު ބޮޑެތި ޚިލާފުތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން އެއްކަމަކީ އެޓަމިކް ހަކަތަޔާބެހޭ އިދާރާގެ އިންސްޕެކްޓަރުން އީރާނަށްގޮސް އެގައުމުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހިތަށްއެރި ވަގުތަކު ވަދެ، ހިތަށްއެރި ވަރަކަށް ބަލައި ފާސްކުރުމަށް އީރާނު ރުހިއްޖެއޭ، އެެއްބަސްވެއްޖެއޭ ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްކި ވާހަކަތަކެވެ. އީރާނުން ވަނީ ޓްރަމްޕުގެ ދައުވާ ދޮގުކޮށްފައެވެ. ނިއުކުލިއަރ މަރުކަޒުތައް ހުޅުވައިލުމާމެދު އީރާނުން އެމެރިކާއަށް އެއްވެސް ޔަގީންކަމެއް ނުދޭކަމަށް ތެހެރާނުން ބުނެއެވެ.

ޚިލާފު އުފެދިފައިވާ ކަންކަމުގެ ތެރެއިން ދެން އެންމެ ފާހަގަވާ ދެކަމަކީ ހޮރުމުޒް ކަނޑުއޮޅި ބޭނުންކުރާ އުޅަނދުތަކުން ޗަންދާއެއް ނެގުމަށް އީރާނާއި އޮމާނަށް އެއްވެސް ފުރުސަތެެއް ނުދޭނެ ކަމަށް އެމެރިކާއިން ބުނާ ބުނުމާއި ހިފެހެއްޓިފައިވާ ފައިސާގެ ތެރެއިން އީރާނަށް ދޫކުރެވޭ ފައިސާއިން އީރާނު ބޭނުންހައި ކަމެއް ނުކުރެވޭނެ ކަމަށް އެމެރިކާއިން ބުނާ ބުނުމެވެ. އީރާނުން ބުނަނީ ހަގުރާމަ ފެށުމުގެ ކުރިން ހޮރުމުޒް ކަނޑުއޮޅި އޮތް ހާލަތަށް ދެން ރުޖޫއަކުރުމެއް ނެތްކަމަށާއި އެތަނުގެ މައްޗަށް ދެން ހިނގާނީ އީރާނާއި އޮމާނުގެ ހުކޫމަތު ކަމުގައެވެ. އެއީ އެމެރިކާޔާ ބެހޭކަމެއް ނޫންކަމުގައެވެ. އީރާނަށް ދޫކުރެވޭ ފައިސާއިން ކުރެވޭނެހާވެސް ކަމަކީ އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަތުންކަމަށް ވޮޝިންޓަނުން ބުނާބުނުމާމެދު އީރާނުން ބުނަނީ އީރާނުގެ ފައިސާއިން ކުރާނޭ ކަންކަމާއި ނުކުރާނޭ ކަންކަން ނިންމުމަކީ އީރާނުގެ އަމިއްލަ ކަމެއްކަމަށާއި އެކަމުގައި އެމެރިކާއަށް އެއްވެސް ދައުރެއް ނޯންނާނެ ކަމުގައެވެ.