އޮސްޓްރޭލިއާގެ ސިޑްނީގެ ކޫޖީ ބީޗުގައި މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ބޮޑެތި ޒަހަމްތަކަކާ ގުޅިގެން ކޯމާއެއްގައި ބޭއްވި އަންހެނަކު، ހޭއަރައި ވާހަކަދައްކަން ފަށައިފިއެވެ. އުމުރުން 35 އަހަރުގެ ލިއާ ސްޓުއާޓަށް މިޔަރެއް ހަމަލާދިނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ މޫދަށް އެރި އުޅުނީ ގޮނޑުދޮށާ 30 މީޓަރު ދުރުގައެވެ. މި ހާދިސާގައި އޭނާގެ އަތަކާއި ފަޔަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ސެއިންޓް ވިންސެންޓްސް ހޮސްޕިޓަލުގައި ފަސް ދުވަސް ވާންދެން ކުރި އޮޕަރޭޝަންތަކަށްފަހު އޭނާގެ އެއް އަތް ވަނީ ބުރިކޮށްލައިފައެވެ.
ލިއާގެ ބޭބެ ޖޯޝުއާ ސްޓުއާޓް ބުނި ގޮތުގައި، އަންގާރަ ދުވަހު ލިއާ ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ. އަދި ކޯމާއިން ހޭއެރުމާއެކު އޭނާގެ މަންމައާއި ބައިވެރިޔާއަށް “އަހަރެން ލޯބިވޭ” ބުނެފައިވާ ކަމަށް ޖޯޝުއާ ފާހަގަކުރިއެވެ.
“މިއީ އެންމެން އުންމީދުކުރި ވަރަށްވުރެ މާ އަވަސް ކުރިއެރުމެއް. މިއީ އަހަރެމެންނަށް މުއުޖިޒާތެއް ފަދަ ކަމެއް،” ޖޯޝުއާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ލިއާ ހޭއެރުމަށްފަހު އެންމެ ފުރަތަމަވެސް އެހީ އޭނާގެ އެއް އަހަރުގެ ދަރިފުޅުގެ ހާލަތާ ގުޅޭގޮތުންނެވެ.
ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނި ގޮތުގައި، ލިއާގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް އޭނާ އަދިވެސް އޮތީ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވެފައިވުމާއެކު، ހާލަތު ސްޓޭބަލް ކުރުމަށް ޓްރޯމާ ސާޖަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހޭނެ ކަމަށް ހޮސްޕިޓަލުން ވަނީ އަންގައިފައެވެ.
ގާތްގަނޑަކަށް 3 ނުވަތަ 4 މީޓަރުގެ ބޮޑު ހުދު މިޔަރެއް (ގްރޭޓް ވައިޓް ޝާކް) ދިން މި ހަމަލާއާ ގުޅިގެން، ސިޑްނީގެ ގޮނޑުދޮށްތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. ނިއު ސައުތު ވޭލްސްގެ ޕްރިމިއާ ކްރިސް މިންސް ވިދާޅުވި ގޮތުގައި، ބޮޑު ހުދު މިޔަރަކީ ހިމާޔަތްކޮށްފައިވާ ބާވަތަކަށް ވުމުން، މިޔަރު މެރުމުގެ ހުއްދައެއް ނުދެވޭނެއެވެ. ނަމަވެސް ސިވިލް އޭވިއޭޝަން ސޭފްޓީ އޮތޯރިޓީން ވަނީ ކޫޖީ ބީޗު ސަރަހައްދުގައި ޑްރޯން ބޭނުންކޮށްގެން މޫދު ސަރަހައްދު ބެލެހެއްޓުމަށް ހާއްސަ ހުއްދައެއް ދީފައެވެ.
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ކޮމެންޓް