އިންޑިއާ ސަރުކާރުން ދޭ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ 'ޕަދްމާ އެވޯޑު' 2026 ވަނަ އަހަރު ލިބޭ ފަރާތްތައް އިންޑިއާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިއުލާނުކޮށްފިއެވެ. މިއަހަރުގެ އެވޯޑު ލިބޭ ފަރާތްތަކުގެ ތެރޭގައި އިންޑިއާގެ ސިނަމާ އަދި މިޔުޒިކީ ދާއިރާގެ ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ މަންމޫޓީ، އާރް. މާދަވަން އަދި އަލްކާ ޔަގްނިކް ހިމެނެއެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއަހަރު ޖުމުލަ 131 ފަރާތަކަށް މި ޝަރަފު ދިނުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ޕަދްމާ ވިބޫޝަން، 13 ޕަދްމާ ބޫޝަން އަދި 113 ޕަދްމާ ޝްރީ އެވޯޑެވެ. މީގެ ތެރެއިން މަލަޔާޅަމް ފިލްމީ ތަރި މަންމޫޓީ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކަށް ލިބިފައިވަނީ ޕަދްމާ ބޫޝަން އެވޯޑެވެ. އެކްޓަރު އާރް. މާދަވަން އަށް ލިބިފައިވަނީ ޕަދްމާ ޝްރީ އެވޯޑެވެ.

ޕަދްމާ އެވޯޑުތައް ބަހާލެވިފައިވަނީ މައިގަނޑު ތިން ގިންތިއަކަށެވެ. އެއީ އާދަޔާހިލާފު ހިދުމަތްތަކަށް ދެވޭ 'ޕަދްމާ ވިބޫޝަން' އާއި، މަތީ ފަންތީގެ ހިދުމަތްތަކަށް ދެވޭ 'ޕަދްމާ ބޫޝަން' ގެ އިތުރުން ފާހަގަކޮށްލެވޭ ހިދުމަތްތަކަށް ދެވޭ 'ޕަދްމާ ޝްރީ' އެވެ. މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ރަސްމީ އިޖުރާއަތުގެ ދަށުން، ކޮންމެ އަހަރަކުވެސް އާންމުންނަށާއި މުއައްސަސާތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައެވެ. އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅަނީ ބޮޑުވަޒީރު އެކުލަވައިލައްވާ ހާއްސަ ކޮމިޓީއަކުންނެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި، މިއަހަރުގެ އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ކޮމިޓީން ހާއްސަ އިސްކަމެއް ދީފައިވަނީ ފަންނުވެރިކަމާއި، ސިނަމާ އަދި އާންމު ހިދުމަތުގެ ދާއިރާއިން މުޖުތަމައަށް ކޮށްފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކުރުމަށެވެ. މިއަހަރުގެ ލިސްޓަކީ އެކި ދާއިރާތަކުން ގައުމަށް ކޮށްދީފައިވާ ހިދުމަތްތައް ބަލައިގަތުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ލިސްޓެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މި އެވޯޑުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮންނާނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.