2017 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ބާރުގަދަ ސުޕަކޮމްޕިއުޓަރުގެ މަގާމު ޗައިނާއިން ހޯދައިފިއެވެ. ޖަރުމަނުވިލާތުގެ ހެމްބާގްގައި އިއުލާނުކުރި "ޓޮޕް500" ލިސްޓުގެ އެއްވަނަ ޗައިނާގެ "ލައިންޝައިން" ސުޕަކޮމްޕިއުޓަރަށް ލިބުނީ، ކުރިން އެއްވަނައިގައި އޮތް އެމެރިކާގެ "އެލް ކެޕިޓަން" ފަހަތަށް ޖައްސާލުމަށް ފަހުގައެވެ.

ޗައިނާގެ ޝެންޒެންގައި ހުންނަ ނޭޝަނަލް ސުޕަކޮމްޕިއުޓިން ސެންޓަރުގައި ގާއިމުކޮށްފައިވާ ލައިންޝައިން އިން ވަނީ ސިކުންތެއްގެ ތެރޭގައި 2.198 އެކްސަފްލޮޕްސްގެ ބާރުމިނުގައި ކަލްކިއުލޭޝަން ހަދައިފައެވެ. މިއީ 2017 ވަނަ އަހަރު ޗައިނާގެ "ސަންވޭ ޓައިހޫލައިޓް" އަށް ފަހު އެ ގައުމުގެ ސިސްޓަމަކަށް މި ލިސްޓުގެ ކުރި ލިބުނު ފުރަތަމަ ފަހަރެވެ.

މި ސިސްޓަމް ފަރުމާކޮށްފައިވަނީ އެމެރިކާގެ ޓެކްނޮލޮޖީއަށް ބަރޯސާ ނުވެ، ޗައިނާގެ އަމިއްލަ އުފެއްދުންތައް ބޭނުންކޮށްގެންނެވެ. މިއީ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) ބޭނުންކުރުމުގެ ބަދަލުގައި ހަމައެކަނި ސެންޓްރަލް ޕްރޮސެސިން ޔުނިޓް (ސީޕީޔޫ) ބޭނުންކޮށްގެން އެކްސަސްކޭލް މިންގަނޑަށް ވާސިލުވި ފުރަތަމަ ސުޕަކޮމްޕިއުޓަރު ކަމަށް ޓޮޕް500 ޕްރޮޖެކްޓުން ބުނެފައިވެއެވެ. މި ސިސްޓަމްގައި 13.79 މިލިއަން ކޯ ހިމެނޭއިރު، މިއީ ޗައިނާގެ "ލިންގްކުން" ޕްލެޓްފޯމާއި އަމިއްލަ އޮޕަރޭޓިން ސިސްޓަމެއްގެ މައްޗަށް ބިނާކޮށްފައިވާ ސިސްޓަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓޮޕް500 ލިސްޓު އެކުލަވައިލުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖެކް ޑޮންގާރާ ވިދާޅުވި ގޮތުގައި، އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާފައިވާ އެކްސްޕޯޓު ކޮންޓްރޯލްތަކާއެކު ވެސް، އަމިއްލަ ޓެކްނޮލޮޖީ ކުރިއެރުވުމުގެ ގާބިލުކަން ޗައިނާގައި ހުރިކަން މިކަމުން ސާބިތުވެއެވެ.

ދުނިޔޭގެ ޓެކްނޮލޮޖީގެ ރޭހުގައި އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަން ބޮޑުވެފައިވާއިރު، ބޭރުގެ ހާޑްވެއާއާ ނުލައި މިފަދަ ބާރުގަދަ ސިސްޓަމެއް އުފެއްދުމަކީ ޗައިނާއިން ހޯދި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ އެމެރިކާގެ ލޯރެންސް ލިވަމޯ ނޭޝަނަލް ލެބޯރެޓަރީގައި ބޭނުންކުރާ އެލް ކެޕިޓަން ސިސްޓަމެވެ. ގަދަ ފަހެއްގައި ދެން ހިމެނެނީ އެމެރިކާގެ އިތުރު ދެ ސިސްޓަމަކާއި ޖަރުމަނުވިލާތުގެ ސިސްޓަމެކެވެ.