މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހޮރުމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ 11،000 އަށްވުރެ ގިނަ ވިޔަފާރި ބޯޓުފަހަރުގެ ފަޅުވެރިން ސަލާމަތްކުރުމުގެ ކުއްލި އޮޕަރޭޝަނެއް އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ފަށައިފިއެވެ. އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ ބޯޓުފަހަރު ވަނީ އެ ސަރަހައްދުގައި ތާށިވެފައެވެ.

އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ވިދާޅުވި ގޮތުގައި، މި ބޮޑު އޮޕަރޭޝަން ކުރިއަށްގެންދާނީ އީރާނާއި، އޮމާނާއި، އެމެރިކާގެ އިތުރުން ސަރަހައްދުގެ އެހެނިހެން ގައުމުތަކާ ގުޅިގެންނެވެ. މީހުން ސަލާމަތްކުރުމަށް ބޭނުންވާ ސަލާމަތީ ޔަގީންކަން މިހާރު ހޯދާފައިވާ ކަމަށާއި، ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުރަސްނޭޅޭނެ ގޮތަށް ކަންކަން އިންތިޒާމުކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަން ފަށާފައިވާއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުން ފީ ނުވަތަ ޓޯލް ނެގުމާ ދެކޮޅަށް އިންޒާރުދެއްވައިފައެވެ.

ޔޫއޭއީއަށް ކުރެއްވި ދަތުރެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، އެއީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއްވެސް ގައުމަކަށް އެތަނުން ފީ ނުނެގޭނެ ކަމަށެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގެކެވެ.

އެމެރިކާ ސަރުކާރާއި އީރާނާ ދެމެދު ދާދިފަހުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން 60 ދުވަހުގެ މުއްދަތަކަށް ފީ ނުނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އެ މުއްދަތަށްފަހު އީރާނުން ފީ ނަގަން ފަށައިފާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ ވިޔަފާރިވެރިންގެ މެދުގައި ވަނީ އުފެދިފައެވެ.

ސީއެންއޭ ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާއި އޮމާނުން ގުޅިގެން ކަނޑުއޮޅީގެ ހިދުމަތްތަކަށް އަގެއް ނެގުމާމެދު އަންނަނީ މަޝްވަރާކުރަމުންނެވެ.