ވިއެޓްނާމްގެ ފޫ ކުއޮކް އަށް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޒިޔާރަތްކުރި ބޭރުގެ ފަތުރުވެރިންގެ އަދަދު 1.32 މިލިއަނަށް އަރައިފިއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 50 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މިއަހަރަށް ކަނޑައަޅާފައިވާ އަމާޒުގެ 65 އިންސައްތައެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ރަށުގެ ފަތުރުވެރިކަން އަންނަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ.
ދާދި ފަހުން، މަޝްހޫރު ޓްރެވަލް މެގަޒިން "ކޮންޑޭ ނާސްޓް ޓްރެވަލަރ" އިން ވަނީ އޭޝިއާގެ އެންމެ ރީތި ރަށުގެ މަގާމު ފޫ ކުއޮކް އަށް ދީފައެވެ. އެ މެގަޒިންގެ ރީޑަރސް ޗޮއިސް އެވޯޑްސްގައި 95.51 ޕޮއިންޓް ހޯދައިގެން، ބާލީ އަދި ފުކެޓް ފަދަ މަޝްހޫރު މަންޒިލްތައް ފަހަތަށް ޖައްސާލުމަށްފަހު، މި ރަށް ވަނީ ދުނިޔޭގެ ތިންވަނައަށް އެންމެ ރީތި ރަށުގެ މަގާމު ވެސް ހޯދާފައެވެ.
މި ސަރަހައްދުގެ ފަތުރުވެރިކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި، ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުންދާތީ، ރަށުގެ އުމްރާނީ ތަރައްގީއާއި ވަސީލަތްތަކުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ވައިގެ ބަނދަރު ބޮޑުކުރުމާއި، އާ ރިސޯޓުތައް ތަރައްގީކުރުން ހިމެނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތަކާއެކު، މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ އަމާޒު ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ފޫ ކުއޮކް އަކީ ގުދުރަތީ ރީތިކަމާއި، ސާފު ގޮނޑުދޮށްތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަންޒިލެކެވެ. ހަބަރުތައް ބުނާ ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ. މިގޮތުން، ސަން ގްރޫޕުން ތަރައްގީކުރާ "ސަން ޕެރަޑައިސް ލޭންޑް" ފަދަ މަޝްރޫއުތަކުގެ ސަބަބުން ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ވަނީ އިތުރުވެފައެވެ. މިވަގުތު އެ ރަށުގެ ވައިގެ ބަނދަރުން އަހަރަކު 18 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ ފަށައިފައެވެ.
ވިއެޓްނާމް
ވިއެޓްނާމް
ވިއެޓްނާމް
ވިއެޓްނާމް
ކޮމެންޓް