ވިއެޓްޖެޓް އެއާލައިންގެ ރާއްޖޭގެ ރަސްމީ އެޖެންޓް އޮއެފަރު އެވިއޭޝަން ސާވިސަސްއިން ވ. ފުލިދޫގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި، އެ އެއާލައިންގެ ދަތުރުތައް އަންނަ ޑިސެމްބަރު މަހުގެ 5 ގައި މާލެއާއި ވިއެޓްނާމްގެ ހޯޗީމިން ސިޓީއާ ދެމެދު ފެށުމަށް ތައްޔާރުވެފައިވާކަން އިއުލާނުކޮށްފިއެވެ.

މި މީޑިއާ ބްރީފިންއަކީ ވިއެޓްޖެޓުން ރާއްޖެއަށް ފަށާ ދަތުރުތަކާ ގުޅޭގޮތުންނާއި، ދިވެހި ދަތުރުވެރިންނަށް ވިއެޓްނާމުން ލިބެން ހުރި ފަތުރުވެރިކަމުގެ އަދި ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ވިއެޓްޖެޓް އެއާލައިންގެ ރާއްޖޭގެ ރަސްމީ އެޖެންޓް އޮއެފަރު އެވިއޭޝަން ސާވިސަސްއިން ވ. ފުލިދޫގައި ބޭއްވި މީޑިއާ ބްރީފިންގެ ތެރެއިން -- ފޮޓޯ/ އޮއެފަރު

މި ދަތުރުތައް ކުރިއަށްދާނީ ސްރީލަންކާގެ ކޮލަމްބޯ މެދުވެރިކޮށެވެ. ހަފުތާއަކު ތިން ދުވަހު ކުރާ މި ދަތުރުތައް އޮންނާނީ ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަކުއެވެ.

އޮއެފަރުން ބުނި ގޮތުގައި ވިއެޓްނާމަކީ ދިވެހި އާއިލާތަކަށް އެކަށީގެންވާ އަގުތަކެއްގައި ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ އާ ޗުއްޓީ މަންޒިލެކެވެ. ރާއްޖޭން ބޭރުގައި ކުރާ ޗުއްޓީއެއްގެ ޖުމްލަ ހަރަދު ބިނާވަނީ ހަމައެކަނި ޓިކެޓުގެ އަގަށް ނޫން ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ހަތަރު މީހުންގެ ދިވެހި އާއިލާއަކަށް ވިއެޓްނާމުގައި ހަތް ރޭގެ ޗުއްޓީއެއް ހޭދަކުރުމަށް، ވައިގެ ދަތުރުގެ ހަރަދު ނުލައި، 2,000 އާއި 3,000 އެމެރިކާ ޑޮލަރާ ދެމެދުގެ ބަޖެޓެއް އެކަށީގެންވާ ކަމަށް އޮއެފަރުން ލަފާކުރެއެވެ. މި ބަޖެޓުގެ ތެރޭގައި ހުރުމާއި، ކެއިންބުއިމާއި، އެތެރޭގެ ދަތުރުފަތުރާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެއެވެ.

ވިއެޓްނާމްގެ މަޝްހޫރު އެއް މަންޒިލު، "ގޯލްޑަން ބްރިޖް" --

ވިއެޓްނާމްގެ މުހިންމު މަންޒިލްތަކުގެ ތެރޭގައި ހޯޗީމިން ސިޓީގެ ޒަމާނީ މާހައުލާއި، ދަނަންގްގެ ގޮނޑުދޮށްތަކާއި، ބާނާ ހިލްސްގެ ގޯލްޑަން ބްރިޖް އަދި ހޮއިއާންގެ ތާރީހީ އަވަށް ހިމެނެއެވެ. މީގެ އިތުރުން ސާޕާ އަދި ދާލާތު ފަދަ ފަރުބަދަމަތީ ސަރަހައްދުތަކުން ފިނި މޫސުމުގެ ތަޖުރިބާ ލިބިގެންދާނެއެވެ.

ފަތުރުވެރިކަމުގެ އިތުރުން، ވިއެޓްނާމަކީ ދިވެހި ވިޔަފާރިވެރިންނަށް މުދާ ހޯދުމަށްވެސް ފަހި މާކެޓެކެވެ. އެގޮތުން އަންނައުނާއި، ފަރުނީޗަރާއި، އިލެކްޓްރޯނިކްސް އަދި ގޭތެރެއަށް ބޭނުންވާ ސާމާނު އެ ގައުމުން ފުޅާ ދާއިރާއެއްގައި އުފައްދައެވެ.

އޮއެފަރު އެވިއޭޝަން ސާވިސަސްއިން ދަނީ ވިއެޓްޖެޓްގެ ފްލައިޓް ބުކިން ހެދުމުގެ ހިދުމަތާއި ދަތުރާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުންނެވެ. އިތުރު މައުލޫމާތު ހޯދުމަށާއި ރިޒަވޭޝަން ހެއްދުމަށް 7101177 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އޮއެފަރުން އެދެއެވެ.