ދިވެހި ސާފް ލީގުގެ މިއަހަރު ފުރަތަމަ އިވެންޓް، ފުވައްމުލަކުގެ އެލެޔީ 2026 ގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ޔާސިން އަހުމަދު ނާޝިދު ހޯދި އިރު، އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ނަހާ ނަސްރުﷲ ހޯދައިފިއެވެ.

ފުވައްމުލަކު އިވެންޓަކީ މިއަހަރު ސާފް ލީގުގެ ފުރަތަމަ އިވެންޓެވެ. މިއަހަރުގެ އިވެންޓްގައި ފިރިހެން އަދި އަންހެން ޝޯޓްބޯޑު އިވެންޓް ކުރިއަށް ގެންގޮސްފައިވާ އިރު، ފިރިހެން 18 އަހަރުން ދަށުގެ ޝޯޓްބޯޑާއި ބޮޑީބޯޑް އިވެންޓްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން ފިރިހެން ބޮޑީބޯޑް ކެޓަގަރީވެސް ސާފް އިވެންޓްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ސީ ސްޕޯޓްސް ސާފް ލީގުގެ ފުވައްމުލަކު އިވެންޓްގެ ފިރިހެން ޑިވިޝަން ފައިނަލުގައި ވާދަކުރީ ޔާސިން އާއި މުހައްމަދު އިނާނެވެ. ޔާސިން 9.07 ގެ ސްކޯއަކުން ކުރި ހޯދާފައިވާ އިރު، އިނާން ވަނީ ރަނގަޅު ވާދައެއް ކޮށް، 8.93 ގެ ސްކޯއެއް ހޯދައިފައެވެ.

އަންހެން އޯޕަން ބައިގެ ފައިނަލުގައި ނަހާ، އާޔާ ނަސީމް އަދި އާލިޔާ ލަތީފާއި އައިޝަތު އަލީޝާ ހަސަން ވާދަ ކުރި އިރު، ނަހާ ވަނީ 8.10 ގެ ސްކޯއެއް ހޯދައިފައެވެ. އާޔާއަށް 5.37 ގެ ސްކޯއެއް ލިބުނު އިރު، މިދިޔަ އަހަރު ޖޫނިއާ ޗެމްޕިއަން އާލިޔާ ވަނީ 4.17 ގެ ސްކޯއެއް ހޯދައިފައެވެ. އައި އަލީޝާއަށް ލިބުނީ 4.00 ގެ ސްކޯއެކެވެ.

ފިރިހެން ޖޫނިއާ ޗެމްޕިއަން ނޫހް މުހައްމަދު ދުނައިން އިރްޝާދު ހޯދި އިރު، އޭނާގެ ސްކޯއަކީ 14.33 ގެ ސްކޯއެކެވެ. ވާދަކުރީ އިނާނާއެވެ. ސްކޯއަކީ 12.17 އެކެވެ.

ފިރިހެން އޯޕަން ބޮޑީބޯޑިން ފައިނަލުގައި އަލީ ޖިވާއު ޖިހާދު ވާދަކުރީ އަލީ ޖާވިދެވެ. އެ ފައިނަލް ވާދަވެރިކޮށް ގޮސް ޖިވާއު މޮޅުވީ 10.17 ގެ ސްކޯއަކުންނެވެ. ޖާވިދު ވަނީ 10.07 ގެ ސްކޯއެއް ހޯދައިފައެވެ.

ބޮޑީބޯޑިން ޑިވިޝަނުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދީވެސް ޖިވާއުއެވެ. އެއީ 9.40 ގެ ސްކޯއަކުންނެވެ.

ފުވައްމުލަކު އިވެންޓްގެ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންފައިވެއެވެ.