މަޝްހޫރު ބޮލީވުޑް ތަރި ދީޕިކާ ޕަދްކޯންގެ ސްކިންކެއާ ބްރޭންޑް "82°E" (82 އީސްޓް) ގެ އާމްދަނީ ދަށަށް ގޮސް ބޮޑު ގެއްލުމަކާ ކުރިމަތިވެއްޖެ އެވެ. އެ ކުންފުނިން ބުނެފައިވަނީ ފައިދާ ވާނެ މަގަށް އެޅުވުމަށްޓަކައި ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލީ ގެއްލުންތަކުގެ ތަފްސީލު

ޑީޕީކޭއޭ ޔުނިވަރސަލް ކޮންސޫމަރ ވެންޗާރސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ 82 އީސްޓްގެ ޑިރެކްޓަރުންގެ ގޮތުގައި ދީޕިކާ ޕަދްކޯން އާއި އޭނާގެ ބައްޕަ ޕްރަކާޝް ޕަދްކޯން ހިމެނެ އެވެ. މިނިސްޓްރީ އޮފް ކޯޕަރޭޓް އެފެއާޒް (އެމްސީއޭ) އަށް ހުށަހެޅި އެންމެ ފަހުގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2024-25 ވަނަ މާލީ އަހަރު އެ ކުންފުންޏަށް 12.26 ކްރޯޑް ރުޕީސްގެ ގެއްލުން ވެފައިވެއެވެ. މީގެ އިތުރުން ކުންފުނީގެ އާމްދަނީ 2023-24 ވަނަ އަހަރުގެ 21.21 ކްރޯޑް ރުޕީސް އިން 2024-25 ވަނަ އަހަރުގެ 14.66 ކްރޯޑް ރުޕީސް އަށް ވެއްޓި، 30 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.

މި ގެއްލުންތަކުގެ ތެރެއިންވެސް ދީޕިކާގެ ކުންފުންޏަށް އުންމީދުގެ ކުލަވަރެއް ފެނިފައިވެއެވެ. އެއީ، މިދިޔަ މާލީ އަހަރާ އަޅައި ބަލާއިރު މިފަހަރުގެ ގެއްލުން ކުޑަވެފައިވުމެވެ. 2023-24 ވަނަ އަހަރު ކުންފުންޏަށް 23 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު ގެއްލުމެއް ވެފައިވެއެވެ.

ހަރަދު ކުޑަކުރަން ކުރި މަސައްކަތް

އެމްސީއޭގެ ރިޕޯޓުތަކުގައި ކުންފުނިން ފާހަގަކޮށްފައިވަނީ ހަރަދުތައް ކުޑަކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން، "މެނޭޖްމަންޓުން އަންނަނީ އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކޮށް، ފައިދާވާނެ ރިކޯޑެއް ހޯދުމަށް މަސައްކަތް ކުރަމުން" ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން ކުންފުނީގެ މާކެޓިން ހަރަދު ވަރަށް ބޮޑަށް ކުޑަކޮށްފައިވެއެވެ. 2024-25 ވަނަ އަހަރުގެ މާކެޓިން ހަރަދު 4.4 ކްރޯޑް ރުޕީސް އަށް ވެއްޓިފައިވާއިރު، މިދިޔަ އަހަރު އެއީ 20 ކްރޯޑް ރުޕީސް އެވެ. މިއީ 78 ޕަސެންޓް ގެ ބޮޑު ދަށްވުމެކެވެ. މުޅި ހަރަދުވެސް 47 ކްރޯޑް ރުޕީސް އިން 26 ކްރޯޑް ރުޕީސް އަށް ދަށްކޮށްފައިވެއެވެ.

ބްރޭންޑާއި މާކެޓްގެ ހާލަތު

ދީޕިކާ ޕަދްކޯން 82 އީސްޓް ލޯންޗުކުރީ 2021 ވަނަ އަހަރު އެގްޒެކްޓިވް ސްކިންކެއާ ބްރޭންޑެއްގެ ގޮތުގައެވެ. މި ބްރޭންޑްގެ އުފެއްދުންތަކުގެ އަގު ހުންނަނީ 2500 ރުޕީސް އިން މަތީގައެވެ. ނަމަވެސް، ދީޕިކާގެ މަޝްހޫރުކަމާއި ސޯޝަލް މީޑިއާގައި އޭނާއަށް ލިބޭ ތަރުހީބު ބޮޑު ނަމަވެސް، މި ބްރޭންޑަށް އަދި ފައިދާއެއް ލިބިފައެއް ނުވެއެވެ. މިއާ ހިލާފަށް، 2019 ވަނަ އަހަރު ލޯންޗުކުރި ކެޓްރީނާ ކައިފްގެ "ކޭ ބިއުޓީ" އިން ވަނީ ފައި ދާވެ، ވިއްކާ އަދަދުތައް އިތުރުވެފައެވެ.