ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޝާހުރުކް ޚާނާއި ދީޕިކާ ޕަޑުކޯންގެ އިތުރުން ހުޔުންޑާއި ކުންފުނީގެ ހަ އޮފިޝަލެއްގެ މައްޗަށް މަކަރާއި ހީލަތުގެ މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ، އުފެއްދުމުގެ މައްސަލަތައް ހުރި ކަމަށް ތުހުމަތުކުރެވޭ ކާރަކާ ގުޅިގެން ދިމާވި މައްސަލައެކެވެ. ޝާހު އަދި ދީޕިކާ އަކީ ހުޔުންޑާއި ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުންނެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ރާޖަސްތާނުގެ ބަރަތުޕޫރުގައެވެ.
މައްސަލައިގެ އަސްލަކީ، އެ ސަރަހައްދުގެ ރައްޔިތެއް ކަމަށްވާ ކިރްތީ ސިންގް، 2022 ވަނަ އަހަރު ގަނެފައިވާ ހުޔުންޑާއި އަލްކަޒާރ އެސް.ޔޫ.ވީ އަށް މަދު މަސްކޮޅެއްގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާއެކެވެ. އޭނާ ބުނެފައި ވަނީ، މައްސަލަ ހައްލުކުރުމަށް ކުންފުނީގައި ތަކުރާރުކޮށް އެދިގެންވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
ފުލުހުން ފުރަތަމަ މި ޝަކުވާ ބަލައިނުގަތުމުން، ސިންގް ވަނީ ކޯޓަށް ހުށަހަޅައިފައެވެ. ކޯޓުގެ އަމުރަށް ފަހު، މިދިޔަ އޮގަސްޓް 25 ގައި މަތޫރާ ގޭޓް ފުލުހުންގެ ސްޓޭޝަނުން މި މައްސަލަ ވަނީ އިންޑިއާގެ ގާނޫނުގެ ގިނަ މާއްދާތަކެއްގެ ދަށުން ރަޖިސްޓްރީކޮށްފައެވެ.
ސިންގް، ބަރަތުޕޫރުގެ އެޑިޝަނަލް ޗީފް ޖުޑީޝަލް މެޖިސްޓްރޭޓަށް ހުށަހެޅި މައްސަލައިގައި، ހުޔުންޑާއި މޯޓަރ އިންޑިއާގެ އިސްވެރިން ކަމަށްވާ މެނޭޖިން ޑިރެކްޓަރ އަންސޯ ކިމް، ސީ.އޯ.އޯ ތަރޫން ގާގް، މަލްވާ އޮޓޯ ސޭލްސް ޕްރައިވެޓް ލިމިޓެޑްގެ އެމް.ޑީ ނިތިން ޝަރުމާ އަދި ޑިރެކްޓަރ ޕްރިޔަންކާ ޝަރުމާގެ ނަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، އެކްޓަރުން ކަމަށްވާ ދީޕިކާ އާއި ޝާހު ވެސް މި މައްސަލައިގައި ދައުވާ ކުރެވޭ ފަރާތްތަކުގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ. ސިންގް ބުނެފައި ވަނީ، މައްސަލަތައް ހުރި އުފެއްދުމަކަށް މި ދެ އެކްޓަރުން ތާއީދުކޮށް، މާކެޓްކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އޮޅައިވާލެވުނު ކަމަށެވެ.
މިހާތަނަށް މި މައްސަލައާ ގުޅިގެން ދީޕިކާ އާއި ޝާހުރުކްގެ ޓީމްތަކުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން