އީރާނާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އެމެރިކާއިން ފީ ނަގަން ފަށާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ 60 ދުވަހުގެ ވަގުތީ އެއްބަސްވުމުގެ މުއްދަތުގައި އެ ކަނޑުއޮޅިން އެއްވެސް ފީއެއް ނުނެގޭނެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، މެދުއިރުމަތީގެ ގައުމުތަކަށް އެމެރިކާއިން ފޯރުކޮށްދޭ ސަލާމަތީ ހިދުމަތްތަކުގެ އަގު އަނބުރާ ހޯދުމުގެ ގޮތުން އެމެރިކާއިން ފީ ނަގަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންޒާރު ދެއްވާފައިވަނީ، ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން ވަނީ އެއްބަސްވުމާ ހިލާފުވެފައެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ލިބިގެން ނުވާ ކަމަށާއި، އެ މަގުން އުޅަނދުފަހަރު ދަތުރުކުރަމުންދާ ކަމަށެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ނުވަތަ ދުވާލެއްގެ މައްޗަށް 21 މިލިއަން ފީފާ ތެޔޮ އުފުލަނީ ހޮރުމުޒް ކަނޑުއޮޅިންނެވެ. މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ކަނޑުއޮޅިން ފީ ނަގަން ފަށައިފިނަމަ ނުވަތަ ދަތުރުފަތުރަށް ހުރަސްއެޅިއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިންޝުއަރެންސް ފީ ބޮޑުވެގެންދާނެއެވެ. މީގެ ކުރިން އީރާނުންވެސް ވަނީ އެ ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދަކުން ދެ މިލިއަން ޑޮލަރާ ހަމައަށް ފީ ނެގުމަށް މަސައްކަތްކޮށްފައެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ ތަޖުރިބާކާރެއް ކަމަށްވާ އެންޑްރިއަސް ކްރީގް ވިދާޅުވި ގޮތުގައި، އީރާނުން މަސައްކަތްކުރަމުން އަންނަނީ ހަނގުރާމައިގެ ހާލަތުގައި އެ ގައުމަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން، ކަނޑުއޮޅީގެ ކޮންޓްރޯލް ދާއިމީ ގޮތެއްގައި ހޯދުމަށެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް އެމެރިކާއާއި އީރާނުގެ މަންދޫބުން މިހާރުވެސް އަންނަނީ ސްވިޓްޒަލޭންޑުގައި މަޝްވަރާކުރަމުންނެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް