އީރާނާއި އެމެރިކާއާ ދެމެދު ދާދި ފަހުން އެކުލަވައިލި ފަހުމުނާމާއާ ގުޅިގެން، އެމެރިކާއިން އެއްބަސްވުމާ ހިލާފުވެއްޖެނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަދި އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް ދެއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި އޭނާ އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، އީރާނުން މި އެއްބަސްވުން ތަންފީޒުކުރަނީ އެ ގައުމުގެ ސުޕްރީމް ލީޑަރުގެ އިރުޝާދުގެ ދަށުންނެވެ. އެމެރިކާގެ ފަރާތުން ގޯސް ނިޔަތެއް ފެނިއްޖެނަމަ ނުވަތަ އެއްބަސްވުމާ ހިލާފުވެއްޖެނަމަ، ދުޝްމަނުންނަށް ފޫނުބެއްދޭވަރުގެ ވަރުގަދަ ރައްދެއް ދިނުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ގާލިބާފް ވިދާޅުވިއެވެ.
މީގެ އިތުރުން، ހަނގުރާމައިގެ ތެރޭގައި އެމެރިކާއަށް ކުރީންވެސް ވަރުގަދަ ފިލާވަޅެއް ދަސްކޮށްދީފައިވާނެ ކަމަށާއި، އަލުން އެ މަގުން ހިނގަން އުޅެފިނަމަ ކުރިއަށްވުރެ ވަރުގަދަ ހަމަލާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އޭނާ އިންޒާރުދެއްވިއެވެ.
މި ފަހުމުނާމާއަކީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށާއި، މެދުއިރުމަތީގެ މަސްރަހު ފިނިކުރުމުގެ އިތުރުން ހޮރުމުޒް ކަނޑުއޮޅީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސޮއިކުރެއްވި އެއްބަސްވުމެކެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ނުތަނަވަސްކަމާއި އިތުބާރު ކުޑަވުމުގެ ސަބަބުން، މި އެއްބަސްވުން ދެމިއޮންނާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އެމެރިކާއިން އެއްބަސްވުމުގެ ޝަރުތުތަކަށް ބޯނުލަނބައިފިނަމަ، އީރާނުންވެސް އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށް އީރާނުގެ އިސް އޮފިޝަލުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ގާލިބާފްގެ މި އިންޒާރާއެކު، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ނާޒުކުކަން ވަނީ އިތުރަށް ހާމަވެފައެވެ. ފޮކްސް ނިއުސް ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެމެރިކާއިން އެއްބަސްވުމަށް އަމަލުކުރާނެ ކަމާމެދު އީރާނުގެ އިސްވެރިންގެ މެދުގައި އޮތް ކަންބޮޑުވުންތައް ދައްކުވައިދޭ ކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދެ ފަރާތުގެ މެދުގައި އޮތް އިތުބާރު ކުޑަވުމާއެކު، އެއްބަސްވުމުގެ ޝަރުތުތައް ފުރިހަމައަށް ތަންފީޒުކުރުމެވެ. މި މައްސަލައިގައި ދެން އަޅާނެ ފިޔަވަޅަކާ މެދު ދެ ގައުމުންވެސް އަންނަނީ ފާރަވެރިވަމުންނެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް