ދުނިޔޭ ތާރީހުގައި ފެނިގެންދާ އެންމެ ބޮޑު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރު ނިމިއްޖެއެވެ. ކޮންމެ ޓީމަކަށްވެސް ފެންވަރު ދައްކާލަން އެއް މެޗު ލިބިއްޖެއެވެ. 48 ގައުމުގެ ފުރަތަމަ ވޯލްޑް ކަޕްގައި ޖުމުލަ 104 މެޗު ފެނިގެންދާ އިރު، އޭގެ ތެރެއިން 24 މެޗެއް ފުރަތަމަ ބުރުގައި ފެނިގެން ދިޔައެވެ. ތަފާތު އެތައް ވާހަކައެއްގެ ތެރެއިން މިފަހަރުގެ ވޯލްޑް ކަޕާ ހަމައަށް އައި އިރު، އޭގެ ތެރޭގައި ދަނޑު ބޭރުގެ ވާހަކަ އިންތިހާއަށް ގިނައެވެ. އެވާހަކަތަކުގެ ސަބަބުން ދަނޑު ތެރެއަށް ދެވޭނެ ސަމާލުކަން ކުޑަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަދި މިހާތަނަށް ދަނޑު ތެރޭގެ މަންޒަރުތައްވެސް ޝައުގުވެރިއެވެ.

ފުރަތަމަ ބުރުގައި 75 ގޯލް ފެނުނެވެ. އެއީ މެޗަކަށް އެވަރެޖް 3.125 ގޯލެވެ. އެއީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ގްރޫޕް ސްޓޭޖެއްގެ ފުރަތަމަ ބުރުގައި ފެނިގެންދިޔަ އެންމެ ރަނގަޅު ގޯލް ރޭޝިއޯއެވެ.

ޖުމުލަ 24 މެޗުގެ ތެރެއިން ނުވަ މެޗު އެއްވަރުވެގެން ނިމިފައިވާ އިރު، އެއިން ދައްކައިދިނީ ވާދަވެރިކަމެވެ. 37.5 ޕަސެންޓް މެޗު ފުރަތަމަ ބުރުގައި އެއްވަރުވި އިރު، މިއީ 2010 ވަނަ އަހަރު ވޯލްޑް ކަޕުގެ ފުރަތަމަ ބުރާ އެއްވަރު ޕަސެންޓެކެވެ. މިފަހަރަށްވުރެ ފުރަތަމަ ބުރުގައި އެއްވަރުވި ޕަސެންޓޭޖް ބޮޑު ވޯލްޑް ކަޕަކަށް މީގެ ކުރިން ފެނުނީ 1954 ވަނަ އަހަރުއެވެ.

ރެކޯޑުތަކުގެ ފެށުމެއް، ތަރިންގެ ވިދުން ގަދަ

މެސީ އާޖެންޓީނާއަށް ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

މިހާތަނަށް ތަރިންގެ ތަފާތު ފެނުނު އިރު، ބޮޑެތި ބައެއް ގައުމުތަކަށް އެންމެ އެދެވޭ ނަތީޖާ ނުނެރެވުނުތަން ފެނުނެވެ. އެހެން ނަމަވެސް އެވަރެޖްކޮށް ފުރަތަމަ ބުރުގައި ތަރިންގެ ހުނަރު ތަފާތުކޮށް ފެނުނެވެ. ރެކޯޑުތަކަށް ވޯލްޑް ކަޕް ފައްކާވެފައިވާތަންވެސް ފެނިއްޖެއެވެ.

ކިލިއަން އެމްބާޕޭ ފުރަތަމަ ބުރުގެ މެޗުގައި ފްރާންސަށް ޖަހައިދިން ދެ ގޯލާއެކު އޭނާ ވެގެން ގޮސްފައި ވަނީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށެވެ. އެއީ އޮލިވިއާ ޖިރޫގެ ރެކޯޑު މުގުރާލައިގެންނެވެ. އޭގެ އިތުރުން އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ މިރްސްލާވް ކްލޯސާގެ 16 ގޯލްގެ ރެކޯޑާވެސް ދެ ގޯލް ގާތަށް ޖެހިލައިފައެވެ.

އެމްބާޕޭ އެހިސާބަށް ޖެހިލިތަނާ މާގިނައިރެއް ނުވެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަދައި، އޭނާ ވޯލްޑް ކަޕްގައި ހެދި ފުރަތަމަ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އުމުރުން 38 އަހަރުގެ މެސީއަކީ ވޯލްޑް ކަޕެއްގައި ހެޓްރިކް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.

އޭގެ އިތުރުން މެސީ ވަނީ ވޯލްޑް ކަޕްގައި 16 ގޯލް ހަމަކޮށް، ކްލޯސާގެ ރެކޯޑާ ހަމަވެސް ކޮށްފައެވެ.

މެސީއާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ ބުރުގައި ކުޅުމާއެކު، އެ ދެކުޅުންތެރިން ވެފައި ވަނީ ހަ ވޯލްޑް ކަޕެއްގައި ކުޅުނު ހަމައެކަނި ދެ ކުޅުންތެރިންގެ ޝަރަފު ހޯދައިފައެވެ.

ތަރިންގެ ވިދުމަށް ބަލާއިރު، ހެރީ ކޭން އިންގްލެންޑަށް ދެ ގޯލް ޖެހުމާއެކު އޭނާ ވޯލްޑް ކަޕްގައި ޖެހި ޖުމުލަ ގޯލްގެ އަދަދު 10 އަކަށް ވަނީ އަރައިފައެވެ. އެއީ އިންގްލެންޑަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ގެރީ ލިނެކާ އަތުގައި އޮތް ރެކޯޑާ އެއްވަރު އަދަދެކެވެ.

އޭގެ އިތުރުން ނޯވޭ 28 އަހަރަށްފަހު އެނބުރި އައުމާއެކު އާލިން ހާލަންޑް ވަނީ ފުރަތަމަ މެޗުގައިވެސް ދެ ގޯލް ޖަހައި، ނޯވޭ ޖާޒީގައި ފުރަތަމަ ވޯލްޑް ކަޕަކަށް ނުކުމެ، އެ ޝަރަފު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ. އަދި ސްކޮޓްލޭންޑަށް ގޯލް ޖަހައިދިންި ޖޯން މެގިން، 31 އަހަރާއި 238 ދުވަސް ތެރޭގައި ގޯލް ޖެހި އިރު، އޭނާއަކީ އެގައުމަށް ވޯލްޑް ކަޕެއްގައި ގޯލް ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.

ބްރެޒިލާއި މޮރޮކޯ އެއްވަރުވި މެޗުގައި ވިދާލީ މޮރޮކޯގެ މެދުތެރެއިން ފެނުނު އައްޔޫބް ބިވައުދީއެވެ. އޭގެ އިތުރުން ވިނީޝިއަސް ޖޫނިއާ ވަނީ އޭނާގެ މުހިއްމުކަން ސާބިތުކޮށްދީފައެވެ. ގަތަރާއި ޑީއާރް ކޮންގޯ، ކޭޕް ވާޑް ފަދަ ގައުމުތަކުން ތާރީހީ ފުރަތަމަ ޕޮއިންޓްވެސް ހޯދިތަން ފެނިގެން ދިޔައެވެ.

ޔޫރަޕްގެ ޓީމުތަކައް އުނދަގޫ، ކުދި ގައުމުތަކުގެ ހިތްވަރު

ވޯލްޑް ކަޕް 2026 ގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކޭޕް ވާޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

މިފަހަރު ވޯލްޑް ކަޕް ފެށިއިރުވެސް، ގްރޫޕް ސްޓޭޖުގެ ފޯރި ކުޑަވެދާނެ ކަމަށް ބައެއް ދިރާސާތައް ދެއްކިއެވެ. އެއީ އާ ކޮލިފިކޭޝަން ސްލޮޓްތަކުގެ ސަބަބުން ކުދި ގައުމުތަކަށް ލިބުނު ފުރުސަތުތަކުގެ އިތުރުން ގްރޫޕްގެ ތިންވަނަ ޓީމުތަކަށްވެސް އަނެއް ބުރަށް ދާން ލިބޭ ފުރުސަތުތަކާއެކުގައެވެ. އެހެން ނަމަވެސް ފެނުނީ އެ މަންޒަރެއް ނޫނެވެ. ނަންބަރުތަކަށް ބަލާއިރު ބޮޑަށް "ސްޓްރަގަލް" ކުރީ ޔޫރަޕެވެ.

އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާއަކީ ގާތްގަނޑަކަށް ފަސް ލައްކަ އާބާދީއެއްގެ ކޭޕް ވާޑުން 2010 ވަނަ އަހަރުގެ ސްޕެއިން 0-0 ގައި ހިފެހެއްޓުމެވެ. ހީރޯއަކީ ކޭޕް ވާޑްގެ 40 އަހަރުގެ ކީޕަރު ވޮޒީނިއާއެވެ.

ޖަރުމަނުން ކިއުރަސާއޯ ކައިރިން 7-1 އިން މޮޅުވި ނަމަވެސް، ދެ ލައްކަ ހަމަ ނުވާ ކިއުރަސާއޯއިން 1-1 ގައި މެޗު އެއްވަރުވެސް ކޮށްލިއެވެ. ރޭންކިން އެންމެ ފުލުގައި އޮތް ނިއު ޒީލެންޑުން އިރާނާ 2-2 އިން އެއްވަރުވި އިރު، އޮސްޓްރިއާ ކައިރިން ބަލިވި ނަމަވެސް ޖޯޑަންއިން ހިތްވަރު ދެއްކިއެވެ. އޭގެ އިތުރުން އަލަށް ނުކުތް އުޒްބެކިސްތާނުވެސް ފެނުނީ ތަފާތު ހިތްވަރެއްގައެވެ.

އޭގެ އިތުރުން އެތައް އަހަރަކަށްފަހު އެނބުރި އައި ޑީއާރް ކޮންގޯއިން 1-1 އިން ވަރުގަދަ ޕޯޗުގަލްއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ހިފެހެއްޓުންވެސް ފާހަގަކޮށްލެވުނެވެ. ބެލްޖިއަމާއި މިސްރު 1-1 އިން އެއްވަރުވި އިރު، ސްވިޒްލޭންޑާއި ގަތަރު އެއްވަރުވީވެސް 1-1 އިންނެވެ.

ހޫނު ގަދަ އުތުރު އެމެރިކާގައި މެޗުތައް ކުރިއަށްދާ އިރު، ޔޫރަޕްގެ 13 ޓީމަކުން ފުރަތަމަ ބުރުގައި ކުޅުނު އިރު، އޭގެ ތެރެއިން މޮޅުވީ ފަސް ޓީމެކެވެ. އޭގެ ތެރެއިން ފަސޭހަ މޮޅެއް ހޯދީ ޖަރުމަނު އެކަންޏެވެ.

އޭގެ އިތުރުން އޭޝިއާގެ ޖަޕާނުން ނެދަލޭންޑްސް ކައިރިން ޕޮއިންޓެއް ހޯދި އިރު، އޮސްޓްރޭލިއާއިން ތުރުކީ ބަލިކުރިއެވެ. ދެކުނު ކޮރެއާއާއި ޗެކް ރިޕަބްލިކް މެޗުން މޮޅުވީވެސް ކޮރެއާއެވެ.

ހައިޑްރޭޝަން ބްރޭކާ ދޭތެރޭ ތަފާތު ހިޔާލުތަކެއް

މިފަހަރު ވޯލްޑް ކަޕްގައި ދޭ ހައިޑްރޭޝަން ބްރޭކަކީ ޓީމުތަކަށް ފައިދާވާ ބްރޭކެއް ކަމާމެދު ބައެއް ކުޅުންތެރިން ސުވާލު އުފައްދާފައިވާ އިރު، އެއީ ކޯޗުންގެ ނަޒަރުގައި މުހިއްމު ބްރޭކެއްކަމަށް ބައެއް ކޯޗުން ހިޔާލުފާޅުކޮށްފައިވެއެވެ.

ހައިޑްރޭޝަން ބްރޭކަކީ ފީފާގެ އާ ތަޖުރިބާއެކެވެ. ފީފާއިން ފުރަތަމަ ހައިޑްރޭޝަން ބްރޭކް ދޭން ފެށީ އެމެރިކާގައި ބޭއްވި ކްލަބު ވޯލްޑް ކަޕުގައެވެ. އެއީ ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ހޫނު ގަދަކަމުގެ ޝަކުވާތަކާ އެކުގައެވެ. އޭރު ދިނީ ބައެެއް މެޗުތަކުގައެވެ.

މިފަހަރު ވޯލްޑް ކަޕްވެސް މާބޮޑަށް ހޫނުގަދަވުމުގެ ސަބަބުން ސިއްހީ މާހިރުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ އިރު، ފީފާއިން އެކަމަށް ހޯދި އެއް ހައްލަކީ ކޮންމެ ހާފެއްގައިވެސް ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކެއް ދިނުމެކެވެ.

އެއީ ކޮންމެ މެޗެއްގައިވެސް ދޭން ޖެހޭ ބްރޭކެއް ގޮތަށް މަޖުބޫރު ކޮށްފައިވާ އިރު، އެއީ ވޯލްޑް ކަޕް ދައްކާ ބްރޯޑްކާސްޓަރުންނަށް ވިޔަފާރީގެ ފަޅިން ލިބުނު ފައިދާއެކެވެ. އެގޮތުން ފީފާއިން ވަނީ ބްރޭކް ނަގާތާ، 20 ސިކުންތުފަހުން އިޝްތިހާރެއް ދެއްކޭނެ ކަމަށް ބުނެފައެވެ. އެ އުސޫލުގައި ބުނީ މެޗު އަލުން ފަށަން 30 ސިކުންތައް ވާތަނުން އަނބުރާ މެޗަށް ލާން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ބެލުންތެރިންނަށް މެޗުގެ މުހިއްމު މަންޒަރުތައް ގެއްލޭނެތީ ބައެއް ޓީވީތައް ކަމަށްވާ އިނގިރޭސި އައިޓީވީއާއި ސްޕެއިންގެ ޓެލެމުންޑޯއިން އެވަގުތު އިޝްތިހާރެއް ނުދައްކައެވެ.

އެކަމުގެ ސަބަބުން މެޗުގެ ފްލޯއަށް އަސަރުކުރާކަމަށް ދިރާސާތައް ބުނެއެވެ.

އެގޮތުން ޖަރުމަނު މެޗުގެ އޮއިވަރުވެސް ބަދަލުވީ 1-1 ގައި ނަތީޖާ އޮވެ ހައިޑްރޭޝަން ބްރޭކަށް ދިޔަ ހިސާބުންނެވެ. އަދި އޮސްޓްރޭލިއާއިން ތުރުކީ ކޮޅަށް ޖެހި ދެ ގޯލަކީވެސް ހައިޑްރޭޝަން ބްރޭކަށްފަހު ޖެހި ދެ ގޯލެވެ. އޭގެ އިތުރުން މެޗުގެ ޓެމްޕޯއަށްވެސް އެ ބްރޭކްގެ ފަހު ބަދަލު އައިސްފައިވާކަން ފުރަތަމަ ބުރުން ފާހަގަވިއެވެ.

ވޯލްޑް ކަޕް 2026 ގައި ސްވިޒަލެންޑް ކޮޅަށް ގޯލު ޖެހުމަށްފަހު ގަތަރު ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ ރޮއިޓާސް

ގައުމީ ސަލާން ކިޔުމަށް ހުއްޓޭ ހުއްޓުމާއި ކަންކަންވެސް މިފަހަރު ބަދަލުކޮށްފައިވާ އިރު، މެޗުތައް ފަސް މިނެޓް ނޫނީ ހަތަރު ވަރަކަށް މިނެޓަށް ފެށުން ޑިލޭވާކަން ފުރަތަމަ ބުރުން ފާހަގަވިއެވެ. ފުރަތަމަ މެޗުގައި ދެކުނު އެފްރިކާއާއި މެކްސިކޯ ވާދަކުރި އިރު، އެ މެޗުގައި ތިން ރަތް ކާޑު ދެއްކިއެވެ. އެއީވެސް ފުރަތަމަ ބުރުގެ އުސް އައްޔެކެވެ. ރެފްރީންގެ އާ ޓެކްނޮލޮޖީއާއެކު ނިންމުންތައް އަވަސްވެ، އިންސާފުވެރިވާ އިރު، އަލަށް ގެނައި ބަދަލުތައް ރަނގަޅުކަންވެސް ފާހަގަވިއެވެ. އެއްލުންތަކާއި ގޯލް ކުރިމަތިން ދޭ ޖެހުންތަކަށް ރެފްރީ ގުނަން ނިންމާފައި އޮތް އޮތުމުން މެޗު އަވަސްވާ އިރު، ފަސްްޓް ޓައިޑް ދަނޑަަށް އެރުން މަދެވެ. އެއީ ފުރަތަމަ އެހީ ލިބިގެންފިނަމަ މިނެޓަކަށް ފައިބަން ޖެހޭތީއާއެކުގައެވެ. އެހެންކަމުން މެޗުތައް ފެންނަނީ އަވަސް ޓެމްޕޯއެއްގައެވެ.