ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އިއްޔެ އެތަކެތި އަތުލައިގަތީ، ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއް އިއްޔެ ފާސްކުރި އިރު އޭގެ ތެރެއިން ކަމަށެވެ.

އެ އޮޕަރޭޝަންގެ ވީޑިއޯއެއް ވެސް ކަސްޓަމްސް އިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ކަސްޓަމްސްއިން ބުނީ އަތުލައި ގަނެވުނު 5،600 ވޭޕް ކާޓްރިޖު ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނަސްފައިވާ ކަމަށެވެ.

ނަމަވެސް، އެއީ ކޮން ގައުމަކުން ގެނައި، ކޮން ބަޔަކު އެތެރެކުރަން އުޅުނު ތަކެއްޗެއް ކަމެއް ކަސްޓަމްސް އިން ބުނެފައެއް ނުވެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެކަމާބެހޭ އިތުރު ތަފުސީލެއް ވެސް ނުދެއެވެ.

މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ކަސްޓަމްސް އިން މާލޭގެ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވެސް ވަނީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގައި ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖު މިިދިޔަ އެޕްރީލް މަހު ވެސް ކަސްޓަމްސް އިން އަތުލައިގަތެވެ.