ހުޅުމާލޭގެ ފަޅުތެރެއަށް ކުނިއަޅާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ މަޝްވަރާތައް ކޮށްފައިވަނީ ވެމްކޯ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ), އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރުމެންޓް މިނިސްޓްރީއާ ކަމަށެވެ.

"މި މައްސަލަ އަށް ހައްލު ހޯދުމަށް އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައި. މި މައްސަލައާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ހުރިއިރު، ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ދަނީ އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން." އެޗްޑީސީން ބުންޏެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ އަދި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޗްޑީސީންވަނީ 61 ޖަންބޯ ބޭގު ކުނި މިދިޔަ ހޯމަ ދުވަހު ފަޅުތެރެއިން ނަގައިފައެވެ.

އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހިތްގައިމު، އާއިލާތަކަށް ހިތްފަސޭހަ، ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމެވެ.