އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖެއަށް އިރުޝާދު ދީފިއެވެ.

މެދުއިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާ ހުރެ ދުނިޔޭގެ ތެލުގެ އަގު އުފުލެމުންދާ އިރު، އެކަމުގެ ސަބަބުން ގައުމުތަކުގެ އިގުތިސޯދަށް ދަނީ ހީނަރުކަން އަންނަމުންނެވެ.

އައިއެމްއެފްގެ އިސް މަންދޫބު ޕިޔަޕޯން ސޮޑްސްރިވިބޫން އިސްކޮށް ހުންނަވައިގެން, މި މަހުގެ ހަތަރަކުން 14 ވަނަ ދުވަހަށް ރާއްޖޭގައި ކުރިއަށްގެންދިޔަ އާޓިކަލް ހަތަރެއްގެ މަޝްވަރާތަކަށްފަހު އިއްޔެ ނެރުނު ބަޔާނުގައި ބުނީ މިދިޔަ އަހަރު ރާއްޖެއިން ވަނީ އިގުތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައި ކަމަށެވެ. އެގޮތުން ބޭރު ފައިސާގެ ރިޒާވް އިތުރުވެ، ބޮންޑާއި އެހެނިހެން ރަސްމީ އަދި އަމިއްލަ ފަރާތްތަކުން ނަގާފައިވާ ލޯނުތައް ގަވާއިދުން ދައްކަމުން ގޮސްފައިވާ ކަމަށް އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ.

އައިއެމްއެފުން ވަނީ ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށްޓަކައި, މިހާރުން މިހާރަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ދަރަނި ކުޑަކުރުމާއެކު ނާޒުކު ހާލަތުގައި ތިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ބުނެފައެވެ.

މީގެ ތެރޭގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމާއި އާމްދަނީ ހޯދާނެ އައު މަގުތައް ތައާރަފުކުރުން ހިމެނޭ ކަމަށް އައިއެމްއެފުން ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ, ދައުލަތުން ދޭ ސަބްސިޑީ ނިޒާމު މުރާޖައާކޮށް, ޕްރޮކްސީ މީންސް ޓެސްޓިން ފަދަ ޒަމާނީ ނިޒާމުތަކުގެ އެހީގައި ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އައިއެމްއެފުން ފާހަގަކުރެއެވެ.

މީގެ އިތުރުން, އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިމަގުގައި ސަބްސިޑީއަށް ކުރަންޖެހޭ ބޮޑު ހަރަދު ކުޑަވެގެންދާނެކަން ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތަށް އޮތް ބޮޑު މާލީ ރިސްކަކަށްވާތީ, އެ ކުންފުނިތައް ހިންގުން ހަރުދަނާކޮށް, ފާރަވެރިވުން އިތުރުކުރުމަށް އައިއެމްއެފްއިން ވަނީ އިރުޝާދުދީފައެވެ.

އައިއެމްއެފުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަން ދަށްވުމާއި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން މި އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން އެއް ޕަސަންޓު ދަށްވާނެ އެވެ. ނަމަވެސް, އަންނަ އަހަރުން ފެށިގެން އިގްތިސޯދު އަލުން އިއާދަވެ, މެދު ރާސްތާގައި ކުރިއެރުން ހަތަރު ޕަސަންޓަށް އަރާނެކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފައެވެ.