މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު މި އަހަރު މަޑުޖެހިފައިވާ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން، އަންނަ އަހަރުން ފެށިގެން ހެޔޮ މިސްރާބަކަށް ބަދަލުވެ، ހަތަރު ޕަސެންޓުގެ މިންގަނޑަށް ރުޖޫއަވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން ލަފާކޮށްފިއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު އައިއެމްއެފްގެ ވަފުދުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި އަހަރު ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ހުންނާނީ އެއް ޕަސެންޓުގައެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ޓޫރިޒަމް ދާއިރާއަށް ކުރި ނޭދެވޭ އަސަރުތަކެވެ. ނަމަވެސް އަންނަ އަހަރުގެ ތެރޭގައި އިގުތިސޯދީ ހަރަކާތްތައް ރަނގަޅުވެ، މެދުރާސްތާގައި ރާއްޖޭގެ އިގުތިސޯދު ހަތަރު ޕަސެންޓުގެ ކުރިއެރުމަކަށް ވާސިލުވާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އައިއެމްއެފުން ފާހަގަކުރި ގޮތުގައި، މި އަހަރުގެ ތެރޭގައި ސުކޫކު ބޮންޑާ އެކު ބޭރުގެ ބޮޑެތި ދަރަނިތަކެއް އަނބުރާ ދެއްކުމުން، ކައިރި މުސްތަގުބަލެއްގައި ޑިފޯލްޓުވުމުގެ ހާލަތަށް ވަނީ ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބިފައެވެ.

އެހެންނަމަވެސް، ދަރަނި ދެއްކުމުގެ ގާބިލުކަމާ މެދު ހުރި ހިރާސްތައް އަދިވެސް ބޮޑުކަމަށް އެ ފަންޑުން އިންޒާރު ދެއެވެ. ހާއްސަކޮށް ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިމްޕޯޓަށް ކުރާ ހޭދަ އިތުރުވެ، ގައުމުގެ ކަރަންޓު އެކައުންޓު ޑެފިސިޓު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްގައިވެއެވެ.

މީގެ އިތުރުން މަރުކަޒީ ބޭންކު، އެމްއެމްއޭއިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަކީ މާލީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އައިއެމްއެފުން ވަނީ ސިފަކޮށްފައެވެ.

ދިގުރާސްތާގައި އިގުތިސޯދީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، މިދިޔަ އަހަރު ސަރުކާރުން ފަށާފައިވާ އިސްލާހީ ޕްރޮގްރާމްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުން މުހިންމު ކަމަށް އައިއެމްއެފުން ބުނެފައިވެއެވެ. މީގެ ތެރޭގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމާއި އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އުސޫލަކުން ސަބްސިޑީގެ ނިޒާމު މުރާޖައާ ކުރުން ހިމެނެއެވެ.

އައިއެމްއެފުން ވަނީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ތެލުގެ އަގު އުފުލޭ ދަނޑިވަޅުތަކުގައި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރަން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް ގާނޫނީ އަދި އިދާރީ ހިންގުން ރަނގަޅު ކުރުމަކީ އަމިއްލަ ދާއިރާ ކުރިއެރުވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަންވެސް ފާހަގަކޮށްފައެވެ.