އީރާން އަލުން އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރުމަށް އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ހުށަހަޅައިފިއެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ފަންޑު" ގެ ނަމުގައި ގާއިމުކުރާ މި ފަންޑަކީ އެމެރިކާއާއި އީރާނާ ދެމެދު އެކުލަވައިލާ ސުލްހައިގެ އެއްބަސްވުމުގެ މުހިންމު ބައެކެވެ. މި ފަންޑުގެ މައިގަނޑު އަމާޒަކީ ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމާއި، މެދުއިރުމަތީގެ ހަމަޖެހުން ގާއިމުކޮށް ހަކަތައިގެ ބާޒާރު ސްޓޭބަލް ކުރުމެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވި ގޮތުގައި، މި ފަންޑުގެ އެހީ އީރާނަށް ލިބޭނީ ވަކި ޝަރުތުތަކެއް ފުރިހަމަކުރުމުންނެވެ. އޭގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމާއި، ފައްކާކޮށްފައިވާ ނިއުކްލިއަ މާއްދާތައް ނައްތާލުމުގެ އިތުރުން ބައިނަލްއަގުވާމީ އިންސްޕެކްޝަންތަކަށް އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން ހޮރްމުޒް ކަނޑުއޮޅިން ވިޔަފާރި ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފަންޑާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ އެމެރިކާ ސަރުކާރުގެ ފައިސާއިން ހަދާ ފަންޑެއް ނޫން ކަމަށާއި، މިއީ ގަލްފުގެ ގައުމުތަކާއި އޭޝިއާ އަދި ޔޫރަޕްގެ އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓްތަކެއް ކަމަށެވެ. މިގޮތުން ދެކުނު ކޮރެއާ، ޖަޕާން އަދި ސިންގަޕޫރު ފަދަ ގައުމުތަކުގެ ކުންފުނިތަކުން މިހާރުވެސް 150 ބިލިއަން ޑޮލަރު އިންވެސްޓްކުރަން އެއްބަސްވެފައިވާ ކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އީރާނުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން މި ފަންޑު ދެކެނީ ހަނގުރާމައިގެ ބަދަލުގެ ގޮތުގައި ދޭ ފައިސާއެއްގެ ގޮތުގައެވެ. އީރާނުން ފުރަތަމަ 400 ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން މަސައްކަތްކުރި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި އެއްބަސްވުމުގެ ފްރޭމްވޯކްގައި ސްވިޓްޒަލޭންޑްގައި ސޮއިކުރުމަށްފަހު، ފަންޑު އޮޕަރޭޝަނަލް ކުރުމަށާއި އިންވެސްޓްކުރާނެ ދާއިރާތައް ކަނޑައެޅުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި ފަންޑުގެ ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ހަކަތައާއި، ދަތުރުފަތުރާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. މި 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާ ގުޅޭ ފަންނީ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް