ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ޓިއުނީޝިއާއިން ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެން ކައިރިންވި ބޮޑު ބައްޔާއެކު ކޯޗު ސަބްރީ ލަމުޝީ މަގާމުން ވަކިކޮށްފައިވާ އިރު، އޭނާގެ ބަދަލުގައި ހާވޭ ރެނާޑާ މަގާމު ހަވާލުކޮށްފިއެވެ.
ސްވިޑެންއާއި ޓިއުނީޝިއާ ގްރޫޕް އެފްގައި ކުޅުނު މެޗުން ޓިއުނީޝިއާ ބަލިވީ 5-1 އިންނެވެ. ސަބްރީ މަގާމުން ވަކިކޮށް، ޓިއުނީޝިއާއިން ވަގުތީ ގޮތުން ކޯޗުކަން ހަވާލުކޮށްފައި ވަނީ މޮންދާ ކެބައިއޭއާއެވެ. މޮންދާ މަގާމު ހަވާލުކުރިތާ މަދު ވަގުތުކޮޅެއް ފަހުން ޓިއުނީޝިއާއިން ވަނީ ރެނާޑް އެ ގައުމުގެ ގައުމީ ޓީމާ ހަވާލުވެފައިވާކަން އިއުލާނު ކޮށްފައެވެ.
އުމުރުން 57 އަހަރުގެ ރެނާޑް މިފަހަރުވެސް ތައްޔާރުވަމުން ދިޔައީ ސައުދީ އަރަބިއްޔާއާއެކު ވޯލްޑް ކަޕަށް ދިޔުމައެވެ. އެހެން ނަމަވެސް މުބާރާތް ފެށުމުގެ ދެ މަހެއްހާ ދުވަސް ކުރިން ސައުދީން ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ.
މިދިޔަ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައިވެސް ރެނާޑް ފެނިގެން ގޮސްފައިވާ އިރު، އެފަހަރު ސައުދީން އާޖެންޓީނާ ބަލިކުރި ތާރީހީ މެޗުގައި ރެނާޑް ފާހަގަކޮށްލެވިފައިވެއެވެ.
ޓިއުނީޝިއާ ވެގެންދާނީ ރެނާޑް މަސައްކަތް ކުރާ އެފްރިކާ ހަވަނަ ގައުމަށެވެ. އޭނާ ވަނީ 2012 ވަނަ އަހަރު ޒެމްބިއާއާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށް، ފަހުން އައިވޮރީ ކޯސްޓާއެކުވެސް އެ ޝަރަފު ހޯދައިފައެވެ. އޭގެ އިތުރުން ރެނާޑް ވަނީ އެންގޯލާއާއި މޮރޮކޯއަށްވެސް ކޯޗުކަން ކޮށްދީފައެވެ. މޮރޮކޯއާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ނުކުތް ރެނާޑަކީ ކުރިން ގާނާގެ އެސިސްޓެންޓް ކޯޗެއްވެސް މެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް