ޒުވާނުންނަށް ބައިނަލްއަގުވާމީ ޑިޖިޓަލް މާރުކޭޓްތަކުން ފުރުސަތު ހޯދައިދިނުމަށްޓަކައި، ޕޭޕަލް ފަދަ ދުނިޔޭގެ ނަން މަޝްހޫރު އިތުރު ޕްލެޓްފޯމްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިރޭ ގެނެސްދިން "ޕޭޕަލްގެ ހިދުމަތް ދިވެހިންނަށް" މައުލޫމާތު ސެޝަންގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޕޭޕަލްގައި ރާއްޖޭގެ ދިދަ ހިމެނިގެން ދިއުމަކީ ރާއްޖޭގެ އިގްތިސޯދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިހާރު ޕޭޕަލް ރާއްޖެއަށް ތައާރަފްވެގެން މިދިޔައީ. އެހެންވީމަ ރާއްޖޭގެ ފްލެގް އިންނާނެ ޕޭޕާލްގައި. އަދި ޕޭޕަލްގެ ފްލެގް ރާއްޖޭގެ އިކޮނޮމީގައި ބިންވަޅު ނެގިގެން އެދިޔައީ. ޕޭމަންޓްސް ރިސީވްވާނެ. ރިއަލްޓައިމް ސީމްލެސްކޮށް މަސައްކަތްވެސް ކުރާނެ. ވަރަށް ބޮޑު ކުރިއެރުމެއް ހަގީގަތުގައި ފަހިވެގެން މިދިޔައީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރަންޖެހޭ ކަމަށެވެ. ޑިޖިޓަލް އިކޮނޮމީއެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ އެހެންވެގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ގައުމީ އިގްތިސޯދުގެ 15 ޕަސަންޓަކީ ޑިޖިޓަލް އިގްތިސޯދަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައިކަމަށް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ރާއްޖެއަށް ކުރާ އިތުބާރު މިހާރު އިތުރުވެފައިވާ ކަމަށެވެ. ޕޭޕަލް ފަދަ އީ-ވޮލެޓްގެ ހިދުމަތްތަކަކީ ދިވެހި ޒުވާން ވިޔަފާރިވެރިންނަށް ދުނިޔޭގެ ބާޒާރުގައި ފައިތިލަ ސާބިތުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް ސައީދު ވިދާޅުވިއެވެ.

ސަރުކާރުގެ މަގްސަދަކީ މިފަދަ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ދިވެހި ޒުވާނުންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ބަޔަކަށް ހެދުންކަމަށް ސައީދު ވިދާޅުވިއެވެ.