ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި 58,000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި މި ފުރުސަތުގައި، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ.

މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމަށެވެ. އެ ފަހަރު ހުށަހަޅާފައިވަނީ 40,000 އަށް ވުރެ ގިނަ ފޯމެވެ.

ފޯމު ހުށަހެޅުމުގެ މުއްދަތު ރޭ މެންދަމު 2:00 އަށް ހަމަވިއިރު، އެންމެ ފަހު ވަގުތު ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިނިސްޓްރީން ވަނީ ވަގުތު އިތުރުކޮށްދީފައެވެ. މީގެ ކުރިންވެސް ބޮޑު އީދު ބަންދާ ގުޅިގެންނާއި އެކި ސަބަބުތަކާ ހުރެ ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އެކި ފަހަރު މަތިން އިތުރުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި އިއުލާން ކުރި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މިހާރު ހިއްކަމުންދާ ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ވަނީ އަމާޒު ހިފާފައެވެ. ނަމަވެސް މިހާރު ހުޅުވާލާފައިވާ މި ފުރަތަމަ ބުރުގައި އެ ސަރަހައްދުން ދޫކުރާނީ 15,000 ގޯއްޗެވެ.