މިފަހަރު ވޯލްޑް ކަޕްގައި ދޭ ހައިޑްރޭޝަން ބްރޭކަކީ ޓީމުތަކަށް ފައިދާވާ ބްރޭކެއް ކަމާމެދު ބައެއް ކުޅުންތެރިން ސުވާލު އުފައްދާފައިވާ އިރު، އެއީ ކޯޗުންގެ ނަޒަރުގައި މުހިއްމު ބްރޭކެއްކަމަށް ބައެއް ކޯޗުން ހިޔާލުފާޅުކޮށްފިއެވެ.

ފީފާއިން ފުރަތަމަ ހައިޑްރޭޝަން ބްރޭކް ދޭން ފެށީ އެމެރިކާގައި ބޭއްވި ކްލަބު ވޯލްޑް ކަޕުގައެވެ. އެއީ ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ހޫނު ގަދަކަމުގެ ޝަކުވާތަކާ އެކުގައެވެ. މިފަހަރު ވޯލްޑް ކަޕްވެސް މާބޮޑަށް ހޫނުގަދަވުމުގެ ސަބަބުން ސިއްހީ މާހިރުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ އިރު، ފީފާއިން އެކަމަށް ހޯދި އެއް ހައްލަކީ ކޮންމެ ހާފެއްގައިވެސް ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކެއް ދިނުމެކެވެ.

އެއީ ކޮންމެ މެޗެއްގައިވެސް ދޭން ޖެހޭ ބްރޭކެއް ގޮތަށް މަޖުބޫރު ކޮށްފައިވާ އިރު، އެއީ ވޯލްޑް ކަޕް ދައްކާ ބްރޯޑްކާސްޓަރުންނަށް ވިޔަފާރީގެ ފަޅިން ލިބުނު ފައިދާއެކެވެ. އެގޮތުން ފީފާއިން ވަނީ ބްރޭކް ނަގާތާ، 20 ސިކުންތުފަހުން އިޝްތިހާރެއް ދެއްކޭނެ ކަމަށް ބުނެފައެވެ. އެ އުސޫލުގައި ބުނީ މެޗު އަލުން ފަށަން 30 ސިކުންތައް ވާތަނުން އަނބުރާ މެޗަށް ލާން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ބެލުންތެރިންނަށް މެޗުގެ މުހިއްމު މަންޒަރުތައް ގެއްލޭނެތީ ބައެއް ޓީވީތައް ކަމަށްވާ އިނގިރޭސި އައިޓީވީއާއި ސްޕެއިންގެ ޓެލެމުންޑޯއިން އެވަގުތު އިޝްތިހާރެއް ނުދައްކައެވެ.

"އަހަންނަށް ހައިޑްރޭޝަން ބްރޭކް ހުރިހާ މެޗެއްގައި ދޭން ކަމަކު ނުދޭ. އަހަރެން ޓީވީން މެޗު ބަލާނަމަ މެޗުގެ ތެރެއިން އިޝްތިހާރެއް ބަލަން ބޭނުމެއް ނުވާނެ. އެއީ ނިއުޓްރަލް ސަޕޯޓަރުންނަށް ޝައުގުވެރިކަން ގެއްލޭނެ ކަމެއް. ވަރަށް ހޫނު މެޗުތަކުގައި ފިޔަވައި އެހެން މެޗުތަކުގައި ހައިޑްރޭޝަން ބްރޭކް ދިނުމަކީ އެހާ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ. އެއީ އަހަރެން ދެކޭ ގޮތް،" ނެދަލޭންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކް ބުންޏެވެ.

އެ ވިސްނުމަށް ބެލްޖިއަމްގެ ކެޕްޓަން ޔޫރީ ތީލަމަންސްވެސް ތާއިދު ކުރެއެވެ. އެއީ ބްރޭކްގެ ސަބަބުން މެޗުގެ މޮމެންޓަމް ގެއްލޭނެތީއާވެސް އެކުގައެވެ.

އެހެން ނަމަވެސް ބެލްޖިއަމްގެ ކޯޗު ރުޑީ ގާސިއާއަށް އެ ބްރޭކް ރަނގަޅެވެ.

"އަހަންނަށް އެ ކޫލިން ނޫނީ ހައިޑްރޭޝަން ބްރޭކް ވަރަށް ރަނގަޅު. އެއީ އަހަރެން ގަބޫލުކުރާ ގޮތުގައި ކޯޗިން ބްރޭކެއް. ދެން ބައެއް ފަހަރު އަހަރެމެން ރަނގަޅު ފްލޯއެއްގައި ކުޅެމުން ދަނިކޮށް އެ ބްރޭކް އައިސިއްޔާ އެއީ ގެއްލުމަކަށް ވެދާނެ. އެކަމަކު އެއީ ދެން ދެޓީމަށްވެސް އައިސްދާނެ ކަމެއް،" ގާސިއާ ބުންޏެވެ.

ގާސިއާގެ އެ ވިސްނުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްވެސް ގަބޫލުކުރެއެވެ.