އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނެސް، ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެކުލަވާލި އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވެންސް އަދި އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އިލެކްޓްރޯނިކްކޮށް ސޮއިކުރައްވައިފިއެވެ.
އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އަންނަ ހުކުރު ދުވަހުން ފެށިގެން ހޮރުމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލެވޭނެއެވެ. އެއްވެސް ފީއަކާ ނުލައި ބޯޓުފަހަރަށް ދަތުރުކުރެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ގޮތުގައި އެއްބަސްވެފައިވެއެވެ. ނަމަވެސް، އީރާނުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ކަނޑުދަތުރުފަތުރުގެ ހިދުމަތުގެ ފީއެއް ނެގުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންދިޔަ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލުޔެއް ލިބި، ތެލުގެ އަގު ވަނީ ދަށަށް ދާން ފަށައިފައެވެ. އަދި ހިއްސާގެ ބާޒާރުތަކަށް ވެސް އޭގެ ހެޔޮ ބަދަލު އަންނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މުއާހަދާއާ ގުޅިގެން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވަނީ ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އަސްކަރީ ފައުޖެއް ފޮނުވަން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އިސްރާއީލުން ބުނެފައިވަނީ ލުބުނާނުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށެވެ.
މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ސްވިޓްޒަލޭންޑުގެ ޖެނީވާގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ ފުރިހަމަ ތަފުސީލުތައް ކުރިއަށް އޮތް 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި އާންމުކުރާނެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް