"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް މިރޭ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު މިރޭ ދަންވަރު 2:00 އާ ހަމައަށް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ޕޯޓަލްއަށް ދިމާވި ޓެކްނިނަކަލް މައްސަލަ މިހާރު ވަނީ ހައްލުކޮށްފައެވެ. މި މައްސަލަ ދިމާވެ ޕޯޓަލްގެ ހިދުމަތް މެދުކެނޑުނީ، ފޯމު ހުށަހެޅުމަށް ކުރިން ދީފައިވާ މުއްދަތު މިރޭ 12:00 އަށް ހަމަވާން ދެ ގަޑިއެއްހާއިރަށް ވެފައި ވަނިކޮށެވެ.
މި މަޝްރޫއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު މީގެ ކުރިންވެސް އެކި ސަބަބުތަކާ ހެދި އިތުރުކޮށްފައިވެއެވެ. އެންމެ ފަހުން މެއި 31 ގައި އެ ފުރުސަތު ހަމަވާ ގޮތަށް އޮތުމަށް ފަހު، މިރޭ 11:59 އާ ހަމައަށް އެ މުއްދަތު އިތުރުކޮށްދިނީ އަލްހާ އީދުގެ ބޮޑު ބަންދާ ގުޅިގެން އާންމުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.
ސަރުކާރުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" މަޝްރޫއުގެ ބައެކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ފްލެޓްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1,500 ފްލެޓް، އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރު ހިއްކަމުންދާ ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ. އެހެންނަމަވެސް، މި ފުރަތަމަ ބުރުގައި އެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 15,000 ގޯއްޗެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
ކޮމެންޓް