އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓައިލުމަށް ވެވުނު އެއްބަސްވުމާއެކު، ދުނިޔޭގެ މާލީ ބާޒާރުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މިއަދު އިއުލާނުކުރި މި އެއްބަސްވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ހަތަރެއް އިންސައްތަ ދަށަށް ގޮސްފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މެދުވެރިއެއްގެ ދައުރު އަދާކުރައްވައިގެން ވެވުނު މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑުގެ ޖެނީވާގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށާއި، އެމެރިކާއިން އީރާނަށް އަޅައިފައިވާ ކަނޑުގެ ފިޔަވަޅުތައް އުވައިލުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން، 60 ދުވަހުގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑައިލުމަށާއި، އީރާނުގެ ހިފަހައްޓައިފައިވާ 24 ބިލިއަން ޑޮލަރު ދޫކުރުންވެސް ހިމެނެއެވެ.
މި ހަބަރާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 83.78 އެމެރިކާ ޑޮލަރަށް ވެއްޓިފައިވާއިރު، ޑަބްލިއުޓީއައި ކްރޫޑްގެ އަގު ވަނީ 80.79 ޑޮލަރަށް ދަށަށް ގޮސްފައެވެ. ނަމަވެސް، އިންފްލޭޝަން ދަށްވާނެ ކަމުގެ އުންމީދުގައި ރަނުގެ އަގު ވަނީ ދޭއް އިންސައްތަ އުފުލި، އައުންސެއްގެ އަގު 4،300 ޑޮލަރަށް އަރައިފައެވެ. ހަމައެއާއެކު، އެމެރިކާގެ އެސްއެންޑްޕީ 500 އާއި ޖަޕާނުގެ ނިކެއި ފަދަ ހިއްސާގެ ބާޒާރުތަކަށްވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ކްރިޕްޓޯކަރަންސީ ބާޒާރަށް ބަލާއިރު، ބިޓްކޮއިންގެ އަގުވެސް ވަނީ ދޭއް އިންސައްތަ އުފުލި، 65،700 ޑޮލަރަށް އަރައިފައެވެ.
މާލީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، ހޮރުމުޒް ކަނޑުއޮޅިން އާންމު ހާލަތުގައި ތެޔޮ ސަޕްލައިކުރަން ފެށުމަށް އެތައް މަހެއް ނަގާނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމާއެކު ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުވެގެންދާނެއެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބްއާބާދީ ވިދާޅުވީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އިތުރު މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް