އިސްރާއީލާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ކުރިއަށްދާ މަޝްވަރާތަކުގައި ލުބުނާން ހިމެނުމަށް އީރާނުން ކުރަމުން އަންނަ މަސައްކަތްތައް ބަލައިގަނެ، ހިޒްބުالله އިން އީރާނަށް ތާރީފުކޮށްފިއެވެ.
ހިޒްބުالله ގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނިގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު އެކުލަވައިލި ސުލްހައިގެ އޮނިގަނޑު އިއުލާނުކުރި ފަހުން އެ ޖަމާއަތުން އިސްރާއީލަށް އެއްވެސް ހަމަލާއެއް ދީފައެއް ނުވެއެވެ. އަދި ލުބުނާނުގައި އިސްރާއީލުން ހަމަލާތައް ހުއްޓައިލާފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، އެމެރިކާއާއެކު ވެވޭ އެއްބަސްވުމުގައި ސޮއިކުރުން އީރާނުން ލަސްކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުރިހާ މައިދާނެއްގައި، ހާއްސަކޮށް ލުބުނާނުގައި ހަމަލާތައް ހުއްޓައިލުމަށް އީރާނުން ބާރު އަޅާ ކަމަށެވެ. އަދި އީރާނުގެ މި ނިންމުމަކީ ލުބުނާނުގެ ސިޔާދަތު ހިމާޔަތްކުރުމަށް އެ ގައުމުން ދޭ އަހައްމިއްޔަތުކަން އަންގައިދޭ ކަމެއް ކަމަށް އެ ޖަމާއަތުން ބުންޏެވެ. މީގެ އިތުރުން، ނުސީދާ މަޝްވަރާތައް މެދުވެރިކޮށް އިސްރާއީލު ސިފައިން ފަހަތަށް ޖެއްސުމުގެ ބާރު ލުބުނާނަށް ލިބިފައިވަނީ އީރާނުގެ އެހީތެރިކަމާއެކު ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ނަމަވެސް، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވި ގޮތުގައި، ލުބުނާނުގެ ދެކުނުން އިސްރާއީލު ސިފައިން ނުފައިބާނެއެވެ. އަދި އިސްރާއީލުގެ ސަލާމަތަށް ނުރައްކާވާ ކޮންމެ ހާލަތެއްގައި ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެ ގައުމަށް އޮންނާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ބުނެފައެވެ.
ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނުން ލުބުނާނުގެ މައްސަލަ އެއްބަސްވުމުގެ ތެރެއަށް ވެއްދުމަކީ މެދުއިރުމަތީގައި އީރާނުގެ ބާރު ދެމެހެއްޓުމަށް ހިޒްބުالله އޮތް މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. ހިޒްބުالله ގެ ލީޑަރު ނައީމް ގާސިމް މީގެ ކުރިން ވިދާޅުވެފައިވަނީ، އިސްރާއީލު ސިފައިން ލުބުނާނުން ފުރިހަމައަށް ނުފައިބާހާ ހިނދަކު އެއްބަސްވުމަކަށް އަމަލުނުކުރާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާނު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވައިލާ މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ތައްޔާރުވަމުންދާއިރު، ލުބުނާނުގެ ބިމުގައި އިސްރާއީލު ސިފައިން އަދިވެސް ތިބުމާއެކު، ސަރަހައްދުގެ މަސްރަހު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް