ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީގެ ނިސްބަތުން ރައްޔިތުންގެ ބޮލަކަށް ޖެހޭ ދަރަނި މި ސަރުކާރުން 6.8 ޕަސަންޓަށް ކުޑަކޮށްފައިވާ ކަމަށާއި، ދައުލަތުގެ ބޭރުގެ ދަރަނިވެސް މިހާރު ކުޑަކުރެވިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ދަރަނި އަދާކުރުމަށް ދެއްކި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ކުރީގެ ފަސް ރައީސުންގެ ވެރިކަމުގައި ނަގާފައިވާ ދަރަނިތައް ހިމެނޭ ކަމަށެވެ.

މި ސަރުކާރުން ދަރަނި އަދާކުރަން ދެއްކި ފައިސާގެ ތެރޭގައި މި ސަރުކާރުން ނެގި ބޮޑެތި ދަރަނިތަކެއް ހިމެނޭކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައީސް ވަނީ ތަފާސްހިސާބުތަކުން ރައްދު ދެއްވާފައެވެ. އެކި ސަރުކާރުތަކުގެ ދުވަސްވަރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދައްކުވައިދޭ ޗާޓްތަކެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 123.6 ޕަސަންޓުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ މަސައްކަތުން އެ އަދަދު މިހާރު 121.2 ޕަސަންޓަށް ތިރިކޮށް، ރައްޔިތުންގެ ބޮލުގައި އެޅޭ ދަރަނި ކުޑަކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތުގެ ޖުމްލަ ދަރަނި ހުރީ މި ސަރުކާރު ފެށުނު އިރު 123 ޕަސެންޓްގައި، 2023 އާ ހިސާބުން ދެން ބައްލަވާ މެއި 2026 އާ ހަމައަށް ވެގެން ދާ ގޮތް ދައުލަތުގެ ޖުމްލަ ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 123.6 ޕަސެންޓްގައި ހުރި ދަރަނި، މިސަރުކާރުން މިވަނީ 121.2 އަށް ތިރިކޮށްފައި. ރައްޔިތުންގެ ބޮލުގައި އެޅޭ ދަރަނި ޖީޑީޕީގެ ނިސްބަތުން ކުޑަކޮށްފައި،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ދަރަނި އަދާކުރުމަށް ދެއްކި 1.2 ބިލިއަން ޑޮލަރުގެ ތަފުސީލް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 891 މިލިއަން ޑޮލަރާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނީގެ ތެރެއިން 195 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް ރައީސް މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 62.5 މިލިއަން ޑޮލަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 38.1 މިލިއަން ޑޮލަރުވެސް އެ ފައިސާގެ ތެރޭގައި ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް އަދިވެސް ދައްކަން އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް ދަރަނި އަދާކުރަން ދެއްކި ފައިސާގެ ތެރޭގައި މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ހިމެނެނީ އެންމެ ހަތަރު މިލިއަން ޑޮލަރު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.