މިދިޔަ ހޮނިހިރު ދުވަހަކީ ހުސްވި އަހަރުގެ ޖޫން ތޭރައިން ސައުވީހަށް އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރި ބާރަ ދުވަހުގެ ހަގުރާމަ ފެށުނުތާ އެއްއަހަރު ފުރުނު ދުވަހެވެ. އެ ހަގުރާމައިގައި އީރާނުގެ އަސްކަރިއްޔާގެ އެކި ގޮފިގޮފީގެ ވަރަށް އިސް ކޮމާންޑަރުން ޝަހީދުވިއެވެ. އޭގެތެރޭގައި އިންގިލާބީ ގާޑުންގެ އެންމެއިސް ވެރިޔާ މޭޖަރ ޖެނެރަލް ހުސައިން ސަލާމީ ހިމެނެއެވެ. އޭނާ ޝަހީދުވީ ހަގުރާމައިގެ ފުރަތަމަ ދުވަހުއެވެ. އެހެންވީމާ މިދިޔަ ހޮނިހިރަކީ މޭޖަރ ޖެނެރަލް ސަލާމީ ޝަހީދުވިތާވެސް އެއްއަހަރު ފުރުނު ދުވަހެވެ. އީރާނުން ވަނީ އެ ހަގުރާމައިގައި ޝަހީދުވި އެންމެހައި ކޮމާންޑަރުންގެ ޒިކުރާ އައުކުރުމުގެ ގޮތުން ވެެރިރަށް ތެހެރާނުގައި ޚާއްސަ އެއްވުމެއް ބާއްވައިފައެވެ. އީރާނުގެ ހަތިޔާރުއެޅި ސިފަައިން މައިގަޑުގޮތެއްގައި ތިން ބަޔަކަށް ބަހާލާފައިވާއިރު އިންގިލާބީ ގާޑުންނަކީ އޭގެތެރެއިން އެއްބައެވެ. އަނެއް ދެބަޔަކީ ރެގިއުލަރ ސިފައިންނާއި ބަސީޖު މިލީޝިއާއެވެ.
ރެގިއުލަރ ސިފައިންގެ ކޮމާންޑަރ އިންޗީފް މޭޖަރ ޖެނެރަލް މުހައްމަދު ބާގިރީއާއި ބަސީޖް މިލީޝިއާގެ ކޮމާންޑަރ އިންޗީފް ބްރިގޭޑިއަރ ޖެނެރަލް ޣުލާމްރިޒާ ސުލައިމާނީއަކީވެސް އެ ހަގުރާމައިގެ ޝަހީދުންނެވެ. އެކި ބޭފުޅުން ޝަހީދުވީ ހަގުރާމަ ކުރިއަށްދިޔަ ބާރަ ދުވަހުގެ ތެރެއިން އެކިދުވަހުއެވެ. އެމެރިކާޔާއި އީރާނާ ދެމެދު މިހާރު ކުރިއަށްދަނީ އެ ހަގުރާމައެއް ނޫނެވެ. ރައީސް ޓްރަމްޕު އަމިއްލައަށް ނުކުމެ ހުއްޓާލައިފީމޭ، ހުއްޓާލައިފީމޭ ދެންފުދިއްޖެޔޭ، މިކަން މިނިމުނީއޭ ގޮވައި ހޭރިގަތީމާ ޖޫން ސައުވީސްވަނަ ދުވަހު އެ ހަގުރާމަ އޮތީ ނިމިފަަައެވެ. މިހާރު ކުރިއަށް އެދަނީ މިއަހަރުގެ ފެބްރުއަރީ އަށާވީސްވަނަ ދުވަހު އެމެރިކާޔާއި އިޒްރޭލް ގުޅިގެން އަނެއްކާވެސް ފެށި ހަގުރާމައެކެވެ. އެހަގުރާމަޔަށް މިއަދަކީ 106 ދުވަސް ފުރުނު ދުވަހެވެ. ހަމަލަތައް މެދުކަނޑަައިލަން އެޕްރީލް އަށެއްގައި އެއްބަސް ވެވުނަސް އެއަކަށް ފުރިހަމަޔަށް އަމަލެއް ނުކުރެއެވެ. ނުކުރެވެއެވެ. ދޭތެރެދޭތެރެއިން ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.
މިހާރު ކުރިއަށް އެދާ ހަގުރާމައަށް ތިންމަސްފުރި ހަތަރުވަނަ މައްސަރުގެ ދުވަސްތައް ގުނެމުންދާއިރު މި ހަގުރާމައިގެ އެންމެ ނުރައްކާތެރި ދުވަހަކީ ފުރަތަމަ ދުވަހެވެ. ފެބްރުވަރީ އަށާވީހެވެ. އެމެރިކާޔާއި އީރާނާ ދެމެދު ދާއިމީ ސުލްހަނާމާއެއް ގާއިމުކުރުމާމެދު ސުވިޒަރލެންޑުގެ ޖެނީވާގައި މަޝްވަރާތަކެއް ހިނގަމުން ދަނިކޮށް ހަމަލާތައް ފެށީ ހަމަ ކުއްލިއަކަށެވެ. މަޝްވަރާތަކެއް ކުރިއަށްދާތީ މުޅިދުނިޔެއިންވެސް ހީކުރީ ހަގުރާމައިގެ ބިރެއް ނެތް ކަމުގައެވެ. އެއީ ކުށްހީއަކަށް ވެގެންދިޔައީ އެދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެެއްގައި އެމެރިކާޔާއި އިޒްރޭލް ގުޅިގެން އީރާނަށް ބޮމާއި މިސައިލްގެ ވާރޭ ވެއްސަން ފެށުމުންނެވެ. ހަގުރާމައިގެ ފުރަތަމަ އެއްގަޑިއިރު ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލިއެވެ. އީރާނުގެ މިނާބުގައި ހުންނަ ޝަޖާރާ ތައްޔިބާ އަންހެން ކުދިންގެ އެލިމެންޓަރީ ސްކޫލަށް ހަމަލަދިނީވެސް ހަމަ އެދުވަހުއެވެ. އެ ހަމަލައިގައި 180 ކުދިން ޝަހީދުވިއެވެ.
މި ހަގުރާމަ ފެށުމާއި ޚާމަނާއީ ޝަހީދުވުމާއި މިނާބުގެ ގަތުލުއާއްމަށް އެއްއަހަރު ފުރޭނީ އަންނަ އަހަރުގެ ފެބްރުވަރީ އަށާވީހުގައެވެ. ގަބޫލުކުރެވޭ ގޮތުން އެހިސާބަށްދާއިރު ހަގުރާމަ އޮންނާނީ ނިމިފައެވެ. ފާއިތުވި ތިންމަސް ދުވަހުގެ ތެރޭގައި އެކަނިވެސް ހަގުރާމަ މި ނިމުނީއޭ، ދާއިމީ ސުލްހަނާމާއެއް ދެންއޮތީ ނުހަނު ގާތުގައޭ ބުނެ ސާޅީސްފަހަރަށްވުރެ ގިނަ ފަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފޮނިކަނޑައިފިއެވެ. އެކަމަކު ހަގުރާމަ ނިމޭތަނެއް ނާދެއެވެ. ހަގުރާމަ ނުނިމިގެން އުޅެނީ އީރާނު ބޭނުންވާ ކަންކަމަށް އެމެރިކާޔާއި އިޒްރޭލް އެއްބަސް ނުވާތީއެވެ. އެ ދެގައުމުން އެދޭ ކަންތައްތަކަށް އީރާނުންވެސް އެއްބަސްނުވާތީއެވެ. އެއްބަސްވުމަކާ ކައިރިވެެއްޖެޔޭ، ހަގުރާމަ ދެން މިނިމުނީއޭ ބުނެ ރައީސް ޓްރަމްޕު އެންމެފަހުން ވާހަކަ ދެއްކީ ހުސްވި ހަފުތާގެ ފަހުކޮޅުއެވެ. މިފަހަރު ތަންކޮޅެއް ތަފާތުހެން ހީވެއެވެ. އެހެން ހީވާން ޖެހެނީ އީރާނުންވެސް އެވާހަކަ އެހެން ބުނެފައިވާތީއެވެ.
ބައެއް ފަރާތްތަކުން ރިޕޯޓްކުރާ ގޮތުގައި މިހަފުތާގެ އާދީއްތަ ދުވަހަކީ އެމްއޯޔޫއެއްގައި ސޮއިކުރާ ދުވަހެވެ. އެދުވަހު ސޮއިނުކުރެވެންޏާ މި ހަފުތާގެ އެހެން ކޮންމެވެސް ދުވަހެެއްގައެވެ. މިކަންއޮތީ އެހައިވެސް ގާތުގައެވެ. އެމްއޯޔޫއަށްފަހު ރަސްމީ ސުލްހަނާމާއެއް ފައިދާކުރާނީ އަދި ފަހުންނެވެ.
ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. އެއްބަސްވުމެއް ފައިދާވާން މިއުޅެނީ އީރާނުން ދޫދިނީމައެވެ. ނޫނެކެވެ. އީރާނުން ތަންފުކެއްވެސް ދުލެއް ނުކުރެއެވެ. އީރާނުން ހިފަހައްޓަމުން އަންނަނީ އަބަދުވެސް އީރާނުން އެދޭ ސާދަ ކަންތަކުގައެވެ. އޭގެތެރޭގައި އީރާނަށް ހަމަލަ ނުދޭނެކަމުގެ ޔަގީންކަމާއި އީރާނުގެ ރަހުމަތްތެރި ގައުމުތަކުގެ ތެރެއިން ލުބުނާނަށް ހަމަލަނުދޭނެކަމުގެ ޔަގީންކަން ދިނުންވެސް ހިމެނެއެވެ. މަތީގައި ބަޔާންކުރެވުނު ދެ ހަގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމާއި ހުޅަގުގެ ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކުރުމަކީވެސް މުހިންމު ޝަރުތެކެވެ.
މީގެއިތުރަށް އިގްތިސާދީގޮތުން އީރާނަށް ދަތިކުރުމަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތައް އުވައިލުމާއި ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އޮތީ އީރާނާއި އޮމާނުގެ ހުކޫމަތުކަން އެމެރިކާޔާއި ހުޅަނގުން ގަބޫލު ކުރުމަކީވެސް އީރާނުގެ ޝަރުތެކެވެ. އީރާނުން ކުރަން އެއްބަސްވާ ކަންކަމަކީ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއި ގަލްފުގެ ގައުމުތަކަށް ހަމަލަނުދޭން އެއްބަސްވުމާއި ޔުރޭނިއަމް ފައްކާ ނުކުރާން ވައުދުވުމެވެ. މިކަންކަން ކުރާނީވެސް ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މި ނުގުތާތަކަށް އެމެރިކާޔާއި އިޒްރޭލުން އެއްބަސްވިޔަސް އެކަން ދުނިޔެއަށް އެނގޭކަށް، މޭރުންވާކަށް ރައީސް ޓްރަމްޕު ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އީރާނު ބަލިވެގެން، ދޫދީގެން އަމާންދިނީއޭ ހީވާކަހަލަ ގޮތަކަށް މިކަން ކުރުމަށެވެ. ސުލްހަނާމާގައި ހިމެނޭ ކަންކަން ކޮންމެފަހަރަކުވެސް އީރާނުން އިއުލާނުކުރީމާ ތިޔައީ ބޮޑުދޮގެކޭ ކިޔާފައި އޭނާ ރެކިގަންނަނީ އެހެންވެއެވެ. ދެންމިފަހަރު ވާއެއްޗެއް ބަލަންތިބެމާހެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް