ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ތާއީދު ބޮޑު އަދި އެންމެ އިތުބާރު ހޯދާފައިވާ ސިޔާސީ ފިކުރު ކަމަށާއި، އެ ފިކުރަކީ ގުނޑުމެއް ނާންނާނެ ވަރުގަދަ ފިކުރެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕީއެންސީ އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބުމަކީ އެ ޕާޓީގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޕީއެންސީގެ އަސާސީ ފިކުރަކީ އިސްލާމްދީން ހިމާޔަތްކުރުމާއި، ގައުމުގެ އަމާންކަން ދަމަހައްޓައި، ހަގީގީ ތަރައްގީ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"ކުރިއަށްމިދަނީ އަދި ކުރިއަށް އޮތް ތަނުގައި ދާނީވެސް މި ފިކުރުގެ މަތީގައި. މާތްވެގެންވާ އިސްލާމްދީންް މަތިވެރިކޮށް އެ ދީނަށް ނަސްރުދިނުމުގެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމާއެކު، މިގައުމުގައި ހަމަޖެހުން ގާއިމުކޮށް، ތަރައްގީ ހާސިލުކޮށްދީ، ހުރިހާ ސިފައެއްގައި ހުރިހާ މާނައެއްގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި" ރައީސް ވިދާޅުވިއެވެ.

ފާއިތުވި މުއްދަތުގައި ސަރުކާރުންނާއި ޕީއެންސީން ކުރި މަސައްކަތުން، ހަމަޖެހުމާއި ތަރައްގީ ހާސިލުކުރުމުގެ އަމާޒަށް ދަތުރުކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގާނޫނާ ހިލާފަށް ދޫކޮށްލި ކަމަށާއި، މި ސަރުކާރުން އެ ސަރަހައްދަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ގާނޫނީ ހަމަތަކުގެ ތެރެއިން ކަނޑައަޅައި، އެބައި އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރަންޖެހޭ ހަރަދު ބޮޑު އަދި ބުރަ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް އިންޓަނޭޝަނަލް މިންގަނޑުތައް ހުންނަ ގޮތުން އަޅުގަނޑުމެން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ. އެ މަސައްކަތް އެބަހިނގާ. ރަސްމީކޮށް އެބައި ސަރުކާރުން މިދަނީ ރަސްމީކޮށް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްކުރަމުން. ހަރަދު ބޮޑު މަސައްކަތެއް، ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ދިވެހިންނާއި ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތްކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރުގައި ވަކި ގައުމެއްގެ ނުފޫޒުގައި ޖެހި، ބައިނަލްއަގުވާމީ ގުޅުންތަކަށް ބުރޫއަރާފައި އޮތް ނަމަވެސް، މި ސަރުކާރުން ހުރިހާ ގައުމުތަކާވެސް ގާތް ގުޅުމެއް ބާއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، އިޒްރޭލާއެކު އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، މި ސަރުކާރަކީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެ ގޮތަށް ކަނޑައެޅި ސަރުކާރުކަމަށްވެސް ރައީސް ވިދާޅުވިއެވެ.