މިއަހަރުގެ ވޯލްޑްކަޕުގައި ކުޅޭނީ ޖުމްލަ 104 މެޗެވެ. އެމެރިކާގެ އެގާރަ ސިޓީއެއްގައި 78 މެޗެވެ. މެކްސިކޯގެ ތިން ސިޓީއެއްގައި 13 މެޗެވެ. އަދި ކެނެޑާގެ ދެ ސިޓީއެއްގައި 13 މެޗެވެ. ކޮންމެއަކަސް މިފަހަރުގެ ވޯލްޑްކަޕުގައި އެންމެފަހުން 2022 ވަނަ އަހަރު ގަތަރުގައި ކުޅުނު ވޯލްޑްކަޕަށްވުރެ 40 މެޗު އިތުރުވާނެވެ. މެޗު އިތުރުވުމުގެ މާނަޔަކީ އިތުރު ރެފްރީންނާއި އިތުރު އެސިސްޓެންޓް ރެފްރީންވެސް ފެނުމެވެ. މިފަހަރަކީ ވޯލްޑްކަޕުގެ ތާރީޚުގައިވެސް އެންމެ ގިނަ ރެފްރީންނާއި އެސިސްޓަންޓް ރެފްރީން ފެންނާނެ ފަހަރެވެ. ފީފާއިން ވަނީ ޖުމްލަ 52 ރެފްރީންނާއި 88 އެސިސްޓަންޓް ރެފްރީން މި ވޯލްޑްކަޕަށް އައްޔަންކޮށްފައެވެ. އަދަދުގެ ގޮތުން މިފަހަރު ރެފްރީންގެ އައު ރިކޯޑެއް ގާއިމުވެގެންދާއިރު މިހާތަނަށް ބޭއްވިފައިވާ 22 ވޯލްޑްކަޕްގެ ތެރެއިން ފެނިފައިވާ އެންމެ މަގުބޫލު އަދި މޮޅު ރެފްރީއަކީ ކޮބައިހެއްޔެވެ. އެއީ ކާކުކަން ބަލައިލަމާބަހީއެވެ. މައުލޫމާތު އިތުރުކޮށްލުމަށްޓަކައެވެ.
ވޯލްޑްކަޕުގެ ތާރީޚުގައި ފެނިފައިވާ އެންމެ މަގްބޫލު، އެންމެ އިންސާފުވެރި އެންމެ މޮޅު ރެފްރީ ހޮވަންޖެހޭނީ އެންމެ މޮޅުކަމަށް އެންމެ ގިނަބަޔަކު ގަބޫލުކުރާ ނަންތަކެއްގެ ތެރެއިންނެވެ. އެންމެ މޮޅު ރެފްރީންގެ ޕޫލެއްގެ ތެރެއިންނެވެ. މިދެންނެވި ޕޫލަށް ކޮލިފައިވާ ކެންޑިޑޭޓުންކަމަށް ތަޖުރިބާކާރުންގެ ގިނަބަޔަކު ފާހަގަކުރަނީ ފަސް ނަމެކެވެ. އެއީ އިޓަލީގެ ޕިއެރްލުއިޖި ކޮލީނާ، ޕޮލެންޑުގެ ސައިމޮން މަސިނިއަކް، އުޒްބެކިސްތާނުގެ ރައުޝަން އިރުމަތޯފް، އިންގްލެންޑުގެ ހާވަޑް ވެބް އަދި މޮރޮކޯގެ ސައީދު ބިލްގޫލާއެވެ. މީގެތެރެއިން ސައިމޮން މަސިނިއަކް އަކީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ފައިނަލް މެޗުގެ ރެފްރީއެވެ. އައިއެފްއެފްއެޗްއެސްގެ ފަރާތުން ހޮވާ 2022 ވަނަ އަހަރުގެ ދުނިޔޭގެ އެއްވަނަ ރެފްރީއެވެ. ރައުޝަން އިރުމަތޯފަކީ ވޯލްޑްކަޕުގެ އެންމެގިނަ މެޗުގެ ރެފްރީކަން ކުރުމުގެ ރިކޯޑް ލިބިފައިވާ ރެފްރީއެވެ. އަދަދަކީ ތިން ވޯލްޑްކަޕެއްގަައި ޖުމްލަ އެގާރަ މެޗެވެ. އެއީ 2010، 2014 އަދި 2018 އެވެ.
އިންގްލެންޑުގެ ހާވަޑް ވެބަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވުނު ވޯލްޑްކަޕުގެ ފައިނަލް މެޗުގެ ރެފްރީއެވެ. ބައްދަލުކުރީ ސްޕޭނާއި ނެދަލެންޑްސްއެވެ. މޮޅުވީ ސްޕޭނެވެ. އިނިއެސްޓާ ޖަހައިދިން ގޯލަކުންނެވެ. މިއީ ޔޫރަޕުން ބޭރުގައި ޔޫރަޕުގެ ޓީމަކަށް ވޯލްޑްކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އެތާރީޚީ މެޗުގެ ރެފްރީއަކީ ޔޫރަޕަށް ނިސްބަތްވި ހާވަޑް ވެބެވެ. ފީފާއާއި ޔުއޭފާގެ ރެފްރީންގެ ތެރެއިން އެންމެ މަގްބޫލް އެއް ރެފްރީއެވެ. ޚާއްސަކޮށް ޔޫރަޕުގެ އެކި މުބާރާތްތަކުގައި އެންމެ މަގުބޫލު ރެފްރީއަކީ އެއީއެވެ. މޮރޮކޯގެ ސައީދު ބިލްގޫލާއަކީ ވޯލްޑްކަޕުގެ ތާރީޚުގައިވެސް ފައިނަލް މެޗެއްގެ ރެފްރީކަންކުރި އެފްރިކާ ބައްރުގެ ފުރަތަމަ ރެފްރީއެވެ. އޭނާ ރެފްރީކަންކުރީ ފްރާންސާއި ބްރެޒިލް 1998 ގެ ވޯލްޑްކަޕުގައި ކުޅުނު ފައިނަލް މެޗެވެ. މޮޅުވީ އެފްރިކާ ބައްރަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ހިމެނުނު ފްރާންސެވެ. ޒައިނުއްދީން ޒިދާނާއި ދެސައީ އަދި ތުރާމްވެސް ހިމެނޭ ގޮތުންނެވެ.
ލިސްޓުގެ ފަސްވަނަ ނަމަކީ އިޓަލީގެ ޕިއެރްލުއިޖި ކޮލީނާގެ ނަމެވެ. އޭނާއަކީ 30 ޖޫން 2002 ގައި ޖަޕާނުގެ ޔޮކޮހާމާގައި ބްރެޒިލްއާއި ޖާރމަނީ ބައްދަލުކުރި ފައިނަލް މެޗުގެ ރެފްރީއެވެ. އެންމެ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ވޯލްޑްކަޕުގެ ތާރީޚުންވެސް ފެނިފައިވާ އެންމެ މަގްބޫލު އެންމެ އިންސާފުވެރި އެންމެ މޮޅު ރެފްރީއަކީ ކޮލީނާއެވެ. އޭނާވަނީ 1998 ވަނަ އަހަރުން ފެށިގެން 2003 ގެ ނިޔަލަށް މެދުނުކެޑި ޖުމްލަ ހަ އަހަރު ދުނިޔޭގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދާފައެވެ. އެއީ ފުޓްބޯޅައިގެ ތަފާސްހިސާބު އެއްކޮށް އެކި މަގާމުތަކަށް މީހުން ހޮވާ އައިއެފްއެފްއެޗްއެސްގެ ފަރާތުން ހޮވާ މަގާމެކެވެ. އެހައި ބޮޑަށް ކޮލީނާ މަގްބޫލުވުމާއި މަޝްހޫރުވުމުގެ ފަހަތުގައި އޮތީ ހަމައެކަނި އޭނާގެ އިތުބާރާއި އިންސާފެއް ނޫނެވެ. އޭނާގެ ލޮލާއި ބޮލާއި އިސްކޮޅާއި ހަރަކާތްތައްވެސް އެހެން ރެފްރީންނާއި ތަފާތުވެފައި ފާހަގަވުން ބޮޑީއެވެ. ކޮލީނާއަކީ ރެފްރީކަމުގެ ތެރެއަށް ޓެކްނޮލޮޖީ ވެއްދުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތްކުރި ރެފްރީއެކެވެ.
ވީޑިއޯ އެސިސްޓަންޓް ރެފްރީ، ވީއޭއާރްގެ ބާނީއަކީވެސް ހަގީގަތުގައި ކޮލީނާއެވެ. ކަށިގަނޑު ހިފައިގެން ދަނޑުމައްޗަށް ނޭރިޔަސް ކޮލީނާއަކީ މިހާރުވެސް ރެފްރީންނާ ގުޅޭ ކަންކަމުގައި ފީފާގެ އެންމެ ނުފޫޒުގަދަ އޮފިޝަލެވެ. އޭނާއަކީ މިހާރުވެސް ފީފާގެ ރެފްރީޒް ކޮމިޓީގެ ޗެއަރމަނެވެ. މިފަހަރުގެ ވޯލްޑްކަޕަށް ރެފްރީންނާއި އެސިސްޓަންޓް ރެފްރީން ސިލެކްޓް ކުރުމުގައި އޭނާގެ ދައުރު ބޮޑެވެ. އެމީހުންނަށް އިރުޝާދު ދިނުމުގައިވެސް އިސް މީހަކީ ކޮލީނާއެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ކޯނަރު ނެގުމުގެ ކަންކަންވެސް ވީއޭއާރްގެ ތެރެއަށް ފެއްތުމާއި ވަގުތު ބޭކާރުކުރުން ކުޑަކުރުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ހިފުމާ ގުޅޭ ކަންކަމުގެ މުގުލުގައި ހުރީވެސް ކޮލީނާއެވެ. އެހެންވީމާ ވޯލްޑްކަޕުގެ ތާރީޚުންވެސް ފާހަގަވާ އެންމެ މަގުބޫލް އެންމެ އިތުބާރު ރެފްރީއަކީ ކޮލީނާކަމަށް ނިންމަން ގިނަބަޔަކަށް ފަސޭހަވެއެވެ. އެންމެ މޮޅު ރެފްރީއަކީ ކޮބައިހޭ އެހީމާ ކޮލީނާ ނޫންމީހެއްގެ ވާހަކަ ބުނާ މީހަކު ނުވެސް ފެނެއެވެ.
އިމާދު ލަތީފު
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް