ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން 137 ދަރިވަރަކު ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގެ އެންމެ ފުރަތަމަ ބެޗު ނިންމި ދަރިވަރުންނަށް އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ފުރުސަތުގައި ހުޅުވާލި ކަމަށެވެ.

އެ ފުރުސަތުތަކުގައި ސިފައިންގެ ހިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 137 ދަރިވަރުން ވަނީ ދަސްވެނިވެފައިކަމަށެވެ. އެއީ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ކުދިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ މިހާރު ކުރިޔަށްދަނީ ތިންވަނަ ބެޗްއެވެ.

ނޭޝަނަލް ސާވިސް ޓްރޭނިންގެ ތިން ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 115 ރަށަކަށް ނިސްބަތްވާ 64 އަންހެން އަދި 288 ފިރިހެން ޒުވާނުން ބައިވެރިވިއެވެ.