ސްވިޓްޒަލޭންޑުގެ އާބާދީ 10 މިލިއަނަށް ވުރެ އިތުރުވިޔަ ނުދިނުމަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކާ މެދު ގޮތް ނިންމުމަށް އެ ގައުމުގެ ރައްޔިތުން ވޯޓުލުމަށް ތައްޔާރުވެއްޖެއެވެ.

ކަނާތުފިޔައިގެ ސްވިސް ޕީޕަލްސް ޕާޓީ (އެސްވީޕީ) އިން އިސްނަގައިގެން ހުށަހަޅާފައިވާ މި އިސްލާހުގެ މަގުސަދަކީ، ގައުމުގެ އުމްރާނީ ވަސީލަތްތަކަށާއި ތިމާވެއްޓަށް ކުރިމަތިވަމުންދާ ފިއްތުންތައް ކުޑަކުރުމެވެ.

މިހާރު ސްވިޓްޒަލޭންޑުގެ އާބާދީގައި 9.1 މިލިއަން މީހުން ތިބި އިރު، މި އިސްލާހު ފާސްވެއްޖެ ނަމަ، 2050 ވަނަ އަހަރާ ހަމައަށް އާބާދީ 10 މިލިއަނަށް ވުރެ އިތުރުވިޔަ ނުދިނުމަށް ސަރުކާރަށް މަޖުބޫރުވާނެއެވެ. އަދި އާބާދީ 9.5 މިލިއަނަށް އަރައިފި ނަމަ، ހިމާޔަތް ހޯދާ މީހުންނާއި އާއިލާތައް ގުޅުމަށް ދޭ ހުއްދަތައް ހިފަހައްޓައި، އިމިގްރޭޝަންގެ ގަވާއިދުތައް ހަރުކަށި ކުރަން ޖެހޭނެއެވެ.

މި ނިންމުމާ ގުޅިގެން އިގުތިސޯދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު ސަރުކާރާއި ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި، މިކަމުގެ ސަބަބުން ސިއްހީ ދާއިރާ އާއި އައިޓީ އަދި އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ނުލިބި، ގައުމުގެ އިގުތިސޯދީ އުފެއްދުންތެރިކަން ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.

ބައެއް އިގުތިސޯދީ މާހިރުން ލަފާކުރާ ގޮތުގައި، މި އިސްލާހުގެ ސަބަބުން މި ގަރުނު ނިމޭއިރު ސްވިޓްޒަލޭންޑުގެ އިގުތިސޯދީ އުފެއްދުންތެރިކަން 12 އިންސައްތަ ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މިގްރޭޝަނަށް ވަކާލާތުކުރާ ޖަމާއަތްތަކުންނާއި ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި، އާބާދީ 10 މިލިއަނަށް އަރައިފި ނަމަ، ވިލާތުގެ އިއްތިހާދު (އީޔޫ) އާއެކު ސްވިޓްޒަލޭންޑުން ހަދާފައިވާ މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުމުގެ އެއްބަސްވުން ބާތިލުކުރަން ޖެހޭނެއެވެ. މިއީ "ސްވިސް ބްރެކްސިޓް" އަކަށް ވެދާނެ ކަމަށާއި މީގެ ސަބަބުން ވިލާތުގެ އެހެން ގައުމުތަކާ އޮންނަ ގުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

މި މައްސަލައިގައި ގޮތް ނިންމުމަށް ބާއްވާ އާންމު ވޯޓު ނެގުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، މި އިސްލާހަށް ތާއީދުކުރާ މީހުންނާއި ދެކޮޅު ހަދާ މީހުންގެ އަދަދު އުޅެނީ ވަރަށް ގާތްގާތުގައެވެ.