މީގެ 29 އަހަރު ކުރިން ނެރުނު ކާމިޔާބު ފިލްމު "ދިލް ތޯ ޕާގަލް ހޭ" ގެ މަޝްހޫރު ލަވަ "ލޭ ގައީ" ގެ ނެށުން، ބޮލީވުޑްގެ ތަރިން ކަމަށްވާ މަދޫރީ ޑިކްޝިޓް އާއި ކަރިޝްމާ ކަޕޫރު އަލުން ދައްކާލައިފިއެވެ.

މި ދެ ތަރިން މި ނެށުން ދައްކާލާފައިވަނީ ސޮނީ ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "އިންޑިއާސް ބެސްޓް ޑާންސަރ" ސީޒަން ފަހެއްގެ ޝޫޓިންގެ ތެރެއިންނެވެ. ކަރިޝްމާއަކީ މި ޝޯގެ އެއް ޖަޖެވެ. މަދޫރީ މި ޝޯގައި ބައިވެރިވީ އޭނާގެ އާ ފިލްމު "މާ ބެހެން" ޕްރޮމޯޓުކުރުމަށް ހާއްސަ މެހެމާނެއްގެ ގޮތުގައެވެ.

ސޮނީ ޓީވީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން އާންމުކުރި ވީޑިއޯއެއްގައި، ކަޅު ކުލައިގެ ހެދުމެއްގައި ތިބެ މި ދެ ތަރިން ވަނީ އެ ލަވައިގެ ހާއްސަ ސްޓެޕްތަކަށް ނަށައިފައެވެ. ނެށުމަށްފަހު ދެ މީހުން ބައްދާލާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން، ގިނަ ބަޔަކު އަންނަނީ އެ މީހުންގެ ހަނދާންތައް އާކޮށް، ޝުއޫރު ފާޅުކުރަމުންނެވެ. ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބައެއް މީހުން ވަނީ މަދޫރީގެ ރީތިކަމާއި ކަރިޝްމާގެ ހަކަތަ ގުޅިގެން ފުރިހަމަ މަންޒަރެއް ފެނިގެންދިޔަ ކަމަށް ބުނެފައެވެ. ބައެއް ފޭނުން ވަނީ މި ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް ވެސް އެދިފައެވެ. މީގެ އިތުރުން، އެ ވީޑިއޯގައި ޝާހްރުކް ހާން ވެސް ހުންނަން ޖެހޭނެ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

1997 ވަނަ އަހަރު ޔާޝް ޗޯޕްރާ ޑައިރެކްޓުކޮށް ނެރުނު "ދިލް ތޯ ޕާގަލް ހޭ" އަކީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ޝިއާމަކް ދާވަރު ކޮރިއޮގްރާފްކުރި މި ފިލްމުގެ ނެށުންތަކަކީ އޭރު ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ނެށުންތަކެކެވެ. މި ފިލްމުގައި ކަރިޝްމާ ކުޅުނު ރޯލަށް އޭނާއަށް ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ނޭޝަނަލް ފިލްމު އެވޯޑު ވެސް ލިބިފައެވެ.

"އިންޑިއާސް ބެސްޓް ޑާންސަރ" ސީޒަން ފަހެއްގެ އެޕިސޯޑުތައް މިހާރު ދައްކަމުން އަންނައިރު، ކަރިޝްމާގެ އިތުރުން މި ޝޯގެ ޖަޖުންގެ ގޮތުގައި ތިބެނީ ޖާވިދު ޖެފްރީ އާއި ޓެރެންސް ލުވިސް އަދި ގީތާ ކަޕޫރެވެ. މި ޝޯ ހޯސްޓުކުރަނީ ހާރްޝް ލިމްބާޗިޔާއެވެ.