އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލާ "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ" ގެ އެއްބަސްވުމަކާ ހަމައަށް އައުމާ ވަރަށް ބޮޑަށް ގާތްވެފައިވާ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމާ މިހާރު ވަނީ ވަރަށް ބޮޑަށް ގާތްވެފައެވެ. އަދި އެއްބަސްވުން ފައިނަލް ވަންދެން، އޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން މީޑިއާތަކުން ގޮތްގޮތަށް ވާހަކަ ނުދެއްކުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އީރާނުން ގެންގުޅޭ ޒިންމާދާރު އަދި ހާމަކަން ބޮޑު ސިޔާސަތުގެ ދަށުން، އެއްބަސްވުމުގެ ހުރިހާ ތަފުސީލެއް އެކަށީގެންވާ ވަގުތުގައި އާންމުންނާ ހިއްސާކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމަށް ކިޔާފައިވާ ނަމަކީ، މީގެ ކުރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު ބޭއްވި މަޝްވަރާތަކާ ގުޅުވައިގެން ދީފައިވާ ނަމެކެވެ. މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި، މި އެއްބަސްވުމުގެ ދަށުން ހަމަލާތައް މެދުކަނޑާލުން 60 ދުވަހަށް އިތުރުކުރުމަށާއި، ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ހުށަހަޅާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރުމަށްވެސް މި މުއްދަތުގެ ތެރޭގައި މަގުފަހިވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށުނު މި ހަމަނުޖެހުންތަކުގައި އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ. މިކަމުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. އެހެންކަމުން، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ މި މަޝްވަރާތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް މުހިންމު ފިޔަވަޅެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އީރާނާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އީރާނުގެ ބައެއް މީޑިއާތަކުން އާންމުކުރި އެއްބަސްވުމުގެ ޑްރާފްޓަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މިވަގުތު ދެ ގައުމުންވެސް ދަނީ އެއްބަސްވުމުގެ އެންމެ ފަހުގެ ކަންކަން ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.
އިރާން
އިރާން
އިރާން
އިރާން