އިނގިރޭސިވިލާތުގެ އަސްކަރިއްޔާއަށް ބަޖެޓު ކަނޑައެޅުމުގައި އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން، އެ ގައުމުގެ ދިފާއީ ވަޒީރު ޖޯން ހީލީ އާއި އަސްކަރިއްޔާއާ ބެހޭ ވަޒީރު އެލް ކާންސް އިސްތިއުފާދެއްވައިފިއެވެ.

އިއްޔެ ހީލީ އިސްތިއުފާދެއްވަމުން ބޮޑުވަޒީރު ކިއަރ ސްޓާމަރއަށް ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި، ސަރުކާރުން އެކުލަވާލާފައިވާ ޑިފެންސް އިންވެސްޓްމަންޓް ޕްލޭން (ޑީއައިޕީ) އަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ބަލާއިރު އެކަށީގެންވާ ޕްލޭނެއް ނޫނެވެ. އަދި އަސްކަރިއްޔާއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޮޑުވަޒީރާއި ޓްރެޝަރީން ނުކުޅެދިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ހީލީގެ އިސްތިއުފާއަށްފަހު، އަސްކަރިއްޔާއާ ބެހޭ ވަޒީރު އެލް ކާންސް ވެސް ވަނީ މަގާމުން ދުރުވެވަޑައިގެންފައެވެ. ކާންސް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ދިފާއީ ޕްލޭނަށް އެކަށީގެންވާ ފަންޑު ލިބިފައެއް ނުވެއެވެ. އަދި ނުރައްކާތެރި ދުނިޔެއެއްގައި މަސައްކަތްކުރަން އަސްކަރިއްޔާއަށް އަންގާއިރު، ބަޖެޓު އެކުލަވާލާފައިވަނީ އަމާން ދުވަސްވަރަކާ ގުޅޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުންނާއި އަސްކަރީ ތަޖުރިބާކާރުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށް ދާއިރު ދިފާއީ ހޭދަ ޖީޑީޕީގެ 2.68 އިންސައްތައަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވީ ނަމަވެސް، ހީލީ ބޭނުންފުޅުވީ އެ އަދަދު 3 އިންސައްތައަށް އިތުރުކުރުމަށެވެ. އެއީ ބަޖެޓު ކުޑަވުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައިވާތީއެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ސްޓާމަރގެ ކެބިނެޓުން އިސްތިއުފާދެއްވި ހަވަނަ ވަޒީރެވެ. ހީލީގެ ބަދަލުގައި ދިފާއީ ވަޒީރުގެ މަގާމަށް މިހާރު ވަނީ ކުރީގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ޑޭން ޖާވިސް އައްޔަންކުރައްވާފައެވެ.