ޕެރަގުއާއީ މިހާރުވެސް މޮޅުވެއްޖެ ކަމަށާއި، އެއީ 16 އަހަރަށްފަހު ކޮލިފިކޭޝަން ޔަގީން ކުރުމުން ކަމަށް ކޯޗު، ގުސްޓާވޯ އަލްފާރޯ ބުނެފިއެވެ.
މިއީ 2010 ވަނަ އަހަރަށްފަހު ޕެރަގުއާއީން ވޯލްޑް ކަޕަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އެގައުމަކީ ކުޅުނު ވޯލްޑް ކަޕްތަކުގައި ނަތީޖާ ދަށް ޓީމެކޭ ކިޔޭނެ ޖާގައެއް ނެތެވެ.
ދެކުނު އެމެރިކާއަށް ނިސްބަތްވާ ޕެރަގުއާއީން މިހާތަނަށް އަށް ފަހަރު ވޯލްޑް ކަޕްގައި ކުޅެފައިވެއެވެ. އެޓީމަކީ ފުރަތަމަ ބޭއްވި 1930 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ޝަރަފު ވެސް ހޯދި ޓީމެކެވެ. ދެކުނު އެމެރިކާގެ ޗެމްޕިއަންކަން 1979 އަދި 1953 ވަނަ އަހަރު ހޯދި ޕެރަގުއާއީ 1950 ވަނަ އަހަރާއި 1958 ވަނަ ވޯލްޑް ކަޕްގައިވެސް ކުޅުނެވެ. އޭގެފަހުން މެދުކެނޑުމަކަށްފަހު 1986 ވަނަ އަހަރު ވޯލްޑް ކަޕް ގަދަ 16 އަށް ދަތުރުކުރި އިރު، 1998 ވަނަ އަހަރުން 2010 ވަނަ އަހަރާ ދެމެދުވެސް ޕެރަގުއާއީ ވޯލްޑް ކަޕްގައި ކުޅުނެވެ. އެންމެފަހުން ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެ، ޕެރަގުއާއީ ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ. އެއީ އެޓީމުގެ އެންމެ ބޮޑު ކާމިޔާބީއެވެ.
ޕެރަގުއާއީން މިފަހަރު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު ނުކުންނަން ޖެހޭނީ އެމެރިކާއާ ދެކޮޅަށެވެ.
"އަހަންނަށް މިހާރުވެސް ޕެރަގުއާއީ މޮޅުވެއްޖެ. އެއީ 16 އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވީމަ. މިހާރު އޮތް ޓީމުން ޕެރަގުއާއީގެ ޑީއެންއޭ އަނބުރާ ހޯދައިދީފި،" އާޖެންޓީނާއަށް ނިސްބަތްވާ އަލްފާރޯ ބުންޏެވެ.
އަލްފާރޯއާ ދެކޮޅަށް އެމެރިކާ ގޮވައިގެންވެސް މިރޭ ނުކުންނަނީ އާޖެންޓީނާގެ ކޯޗެކެވެ. އެއީ މައުރީޝިއޯ ޕޮޗެޓީނޯއެވެ.
އަލްފާރޯ އިތުރަށް ބުނީ ހޯސްޓް ގައުމަކާ ދެކޮޅަށް ނުކުތުން އެއީ އުނދަގޫތަކެއް ދިމާވާނެ ކަމެއް ނަމަވެސް، އެއްވެސް ވަރަކަށް ފަސޭހަކޮށް ނުލާނެ ކަމަށެވެ.
"އަހަރެމެން ކޮލިފައިވެގެން އެކަމުގެ އުފަލުގައި ހަމަޖެހިލައިގެން ތިބޭކަށް ނޫން މި ނުކުންނަނީ. އަހަރެމެން ވާދަކުރަން ޖެހޭނެ،" އަލްފާރޯ ބުންޏެވެ.
ޕެރަގުއާއީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޖޫލިއޯ އެންސީސޯއަށް ދާދިފަހުން އަނިޔާވި ނަމަވެސް، އަލްފާރޯ ބުނީ ރަނގަޅަށް ރިކަވާވަމުން އަންނަ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026