އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވައިޓް ހައުސްއިން ބުނަމުންދިޔަ ނަމަވެސް، އީރާނުގެ އިސް އޮފިޝަލުން އެކަން ދޮގުކުރައްވައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، އީރާނުގެ އެންމެ އިސް ވެރިންގެ ރުހުމާއެކު އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ. ނަމަވެސް، ތެހެރާނުން ބުނަމުންދަނީ އެއްވެސް ރަސްމީ އެއްބަސްވުމެއްގައި އަދި ސޮއިކޮށްފައި ނުވާ ކަމަށެވެ.
އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަދި އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. “ނުބައި ސްޓްރެޓެޖީތަކާއި އަވަސްއަރުވާލައިގެން ނިންމާ ނިންމުންތަކުގެ ސަބަބުން މުޅި މަސްރަހު ގޯސްވެ، ހަކަތައިގެ އުމްރާނީ ވަސީލަތްތަކާއި ބާޒާރުތައް ހަލާކުވެ، އެތައް އަހަރަކަށް ދެމިގެންދާނެ ނިމުމެއް ނެތް އަނދަވަޅަކަށް ތިޔަބައިމީހުން ވެއްޓިގެންދާނެ،” ގާލިބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އަދި އެމެރިކާއަށް މުޅިން ތަފާތު އީރާނެއް ފެނިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ޓްރަމްޕް އިންޒާރު ދެއްވުމަށްފަހު، ފަހުން ވަނީ އެއްބަސްވުމަކަށް އާދެވުމާ ގުޅިގެން ހަމަލާތައް މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރުމާއެކު ހޮރްމުޒް ކަނޑުއޮޅި ހުޅުވިގެންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެހެންނަމަވެސް، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެއްބަސްވުމަކާ މެދު އީރާނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، އެމެރިކާއިން ބުނާ ކުރިއެރުންތަކަށް އީރާނުގެ ރަސްމީ އިދާރާތަކުން އަދިވެސް ތާއީދުކޮށްފައެއް ނުވެއެވެ. ގާލިބާފް ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްކަރީ ބާރުތަކުން ކަނޑުމަގު ބަންދުކޮށްފައި އޮންނަހާ ހިނދަކު، ހޮރްމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލެވިފައިވާ ކަމަކަށް ނުބެލެވޭނެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ