ކެނެޑާގެ ކެޕްޓަން އަދި އެޓީމުގެ ތަރި، ބަޔާން މިއުނިކްގެ ފުލްބެކް އަލްފަންސޯ ޑޭވީސް އަދިވެސް ހުރީ އަނިޔާގައި ކަމަށާއި، ބޮސްނިއާއާ ދެކޮޅަށް ނުކުޅޭނެ ކަމަށް ކޯޗު ޖެސޭ މާޝް ބުނެފިއެވެ.

މިފަހަރު ވޯލްޑް ކަޕްގެ ހޯސްޓް ގައުމެއް ކަމަށްވާ ކެނެޑާއިން އެގައުމުގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ބޮސްނިއާއާ ދެކޮޅަށެވެ. ދެގައުމަކީވެސް ވޯލްޑް ކަޕުގައި މާބޮޑު ކާމިޔާބީއެއް ހޯދިފައިވާ ދެގައުމެއް ނޫނެވެ. ކެނެޑާއިން ފުރަތަމަ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ގޮތަށް، އެޓީމަށް ދެން ޖެހުނީ 2022 ވަނަ އަހަރު ވޯލްޑް ކަޕާ ހަމައަށް އިންތިޒާރުކުރާށެވެ. އަދި މިހާތަނަށް ވޯލްޑް ކަޕް މެޗެއްގައި މޮޅުވެފައި ނުވާ ކެނެޑާއިން މިފަހަރު ނުކުންނާނީ އަމިއްލަ ގައުމުގައި އެ ތާރީހު ބަދަލު ކުރުމަށެވެ.

ކުރިން އެމެރިކާއަށް ކޯޗުކަން ކޮށްދީ، އިނގިރޭސި ކްލަބުގެ ލީޑްސްއިންވެސް ފާހަގަވި މާޝް، މިރޭ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނީ ޑޭވީސް މުހިއްމު ނަމަވެސް، އަވަސް އަރުވާލައިގެން ދަނޑަށް ނުނެރޭނެ ކަމަށެވެ.

"(މިރޭ) މެޗަށް ޑޭވީސް ފިޓެއް ނުވާނެ. އެހެންނަމަވެސް އެންމެފަހުން ހެދި އެމްއާރްއައިގެ ރިޕޯޓު ދައްކާ ގޮތުން މަސްގަނޑު ދަނީ ރިކަވާވަމުން. އަހަރެންގެ އުންމީދަކީ ޑޭވީސްއަށް ދެން އޮންނަ މެޗެއްގައި ކުޅެވުން،" މާޝް ބުންޏެވެ.

ޑޭވީސްއަށް އަނިޔާވީ ބަޔާނުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އަނިޔާވީ ޑޭވީސްގެ ފަލަމަސްގަނޑަށެވެ.

އިއްޔެގެ ޕްރެސްގައި މާޝް ބުނީ ކެނެޑާއަކީ ހޯސްޓް ގައުމެއްގެ ގޮތުގައި އޮތް އޮތުމުން އެ ނަގަން ޖެހޭ ޒިންމާ ނަގަން މިހާރު ޓީމު ތައްޔާރު ކަމަށާއި، ބޭނުން ވަނީ ހަމައެކަނި އެންމެ މޮޅެއްވެސް ނޫން ކަމަށެވެ. އަދި ގްރޫޕްގެ އެއްވަނައަކީ ކެނެޑާގެ ޓާގެޓް ކަމަށާއި، ތާރީހެއް ނެތެސް އެކަން ނުކުރެވެންވި ސަބަބެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ކެނެޑާއިން ބޮސްނިއާއާ ދެކޮޅަށް މިރޭ ނުކުންނާނީ މެންދަމު 12:00 ގައެވެ. އެމެޗުގެ ކުރިން ހުޅުވުމުގެ ރަސްމިއްޔާތެއް އޮންނާނެއެވެ.