އީރާނަށް ދިނުމަށް ރާވާފައިވާ އަސްކަރީ ހަމަލާތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ކެންސަލްކުރައްވައިފިއެވެ.
ޓްރަމްޕް މިކަން ހާމަކުރެއްވީ 'ޓްރުތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާތައް ހުއްޓާލަން ނިންމެވީ އީރާނުގެ އެންމެ އިސް ފަންތީގެ ވެރިންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ސުލްހައިގެ އެއްބަސްވުމަކާ ގާތަށް ދެވިފައިވާތީއެވެ.
މި އިއުލާނުގެ މަދު ގަޑިއިރުތަކެއް ކުރިން ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެގޮތުން، އީރާނުގެ ތެލުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ހާރގް އައިލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަވާނެ ކަމަށްވެސް ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ.
ނަމަވެސް ފަހުން ކުރެއްވި ޕޯސްޓުގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުގެ އިތުރުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި ތުރުކީ ފަދަ ގައުމުތައް ހިމެނޭހެން ހުރިހާ ފަރާތްތަކަކުން ވެސް މިހާރު އެއްބަސްވުމެއްގެ މައިގަނޑު ކަންކަމަށް ރުހުން ދީފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާނެ ތަނަކާއި ވަގުތެއް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓްރަމްޕް ސުލްހައިގެ ވާހަކަތައް ދެއްކެވި ނަމަވެސް، މެދުއިރުމަތީގެ މަސްރަހު އަދިވެސް އޮތީ ވަރަށް ނުތަނަވަސްކޮށެވެ. ރޭ ވެސް އެމެރިކާއާއި އީރާނާ ދެމެދު ވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުމަގުގެ ދަތިކުރުމުގެ ފިޔަވަޅުތައް، އެއްބަސްވުމުގައި ސޮއިކުރެވެންދެން ދެމިއޮންނާނެ ކަމަށް ޓްރަމްޕް ވަނީ ފާހަގަކުރައްވައިފައެވެ.
މިކަމާ ގުޅިގެން އީރާނުގެ ރަސްމީ އިދާރާތަކުން މި އެއްބަސްވުމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ އަސްކަރިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާއެއް ދީފިނަމަ ކުރިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް