ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ގެ ފޯނުގައި ހުރި ކަމަށް ބުނާ ކޮރަޕްޝަންގެ ހެކީގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ އެއް ދައުވާ ސާބިތުވެ އޭނާ ވަނީ 25 އަހަރަށް ޖަލަށް ލައިފައެވެ.

އެ މައްސަލައިގެ ކުރިން ކުރިމިނަލް ކޯޓުޔގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމްއާން ވަނީ އޭނާއަށް އުފުލާފައިވާ ދައުވާތަކަކީ ހޯމް މިނިސްޓަރު އަލީ އިހްސާން އަޑީގައި ހުންނަވައިގެން އޭނާ ފްރޭމް ކުރުމަށް އުފުލި ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ބަންޑާރަ ނައިބު އަހްމަދު އުޝާމް ބައިވެރިވެގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުން ދިޔަ ކަމަށާއި ހައްޔަރުކޮށް ޖަލަށް ލުމުގެ ކަންކަން ފެށުނީ އެ ކޮރަޕްޝަންތަކުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިސާބަށް ގެންދިއުމުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

އަދި އޭނާގެ ފޯނުގައި އެކަމާ ގުޅޭ ހެކިތައް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ތުހުމަތުތައް އިހުސާން އާއި އުޝާމްވެސް ވަނީ ދޮގުކުރައްވައިފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޝަމްން އާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ފަށައި ފުލުހުން ވަނީ މިދިޔަ އަހަރުގެ މާޗު 21 ވަނަ ދުވަހު އެކަމުގެ އަޕްޑޭޓް މީޑިއާތަކާ ހިއްސާކޮށްފަ އެވެ. އެއަށް ފަހު، މައްސަލައިގެ ތަހުގީގުގެ އަޕްޑޭޓު އެކި ފަހަރު މަތިން މީޑިއާތަކާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް ޝަމްއާނަށް އެނގިވަޑައިގެންނެވި ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން މިދިޔަ އަހަރުގެ މާޗު 11 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ގާތްގަނޑަކަށް ހަފުތާއެއް ކުރިން ޝަމްއާންގެ އޮފީހުގައި އެކަމާ ގުޅޭ މަޝްވަރާތައް ބޭއްވިކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅުން ހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ރޭ، އެ މައުލޫމާތު ޝަމްއާނަށް ދިން ކަމަށެވެ. އެއަށްފަހު، އެ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށައި ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމުން އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާގުޅޭ މުވައްޒަފުންނަށް ޝަމްއާން އިރުޝާދު ދިންކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ބުންޏެވެ.

"ތަހުގީގަށް އިތުރަށް ހާމަވެފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، މި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރު ކުރި. މި ދަތުރުގެ ތެރޭގައި، އެ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާއާ ބެހޭގޮތުން މަޝްވަރާކޮށްފައިވޭ. އަދި ފައިސާގެ އަދަދު ކަށަވަރުކުރުމަށް މުހައްމަދު ޝަމްއާން ވަހީދާ ގުޅާފައިވާކަން ވެސް ވަނީ އެނގިފައި. މިކަމަށް އެއްބަސްވެފައި ވަނީ 500,000 (ފަސްލައްކަ) ދިވެހި ރުފިޔާއަށް،" ފުލުހުން ބުންޏެވެ.

ވެހިކަލް ޕާކުކުރުމަށްފަހު އިމިގްރޭޝަންގެ އެ ދެ މުވައްޒަފަން ސައިކަލެއްގައި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަށް، ފައިސާ ހުރި ކޮތަޅެއް ހިފައިގެން ދަންވަރު 3:00 ހާއިރު ވަތް ކަމަށެވެ. އަދި އޭގެ ގާތްގަނޑަކަށް ތިން މިނެޓް ފަހުން އެ މީހުން އެ އިމާރާތުން ނުކުތް އިރު، އެ މީހުންގެ އަތުގައި އެ ފައިސާ ކޮތަޅު ނެތް ކަމަށް ފުލުހުން ބުންޏެވެ.

ޖެހިގެން އައި ދުވަސް، މިދިޔަ އަހަރުގެ މާޗު 13 ވަނަ ދުވަހު، ޝަމްއާންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259,837 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށެވެ.

ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީ ވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަދި ދަންނަވަމެވެ. މުޅި ތަހުގީގުގެ މަރުހަލާގަ އާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައި ވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު މުހައްމަދު ޝަމްއާން ވަހީދު ދީފައިނުވެއެވެ. އެހެންކަމުން، އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

"2026 ޖޫން 09 ވަނަ ދުވަހު މުޙައްމަދު ޝަމްޢާން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް ބުނި ނަމަވެސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި 2025 ޑިސެމްބަރ 25 ވަނަ ދުވަހު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލި ފަހުން މިނިވަނެއްގެ ގޮތުގައި އުޅުނު އިރުވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފައެއް ނުވެއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށް ވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އިދާރާގެ ހުރިހާ ތަހުގީގުތައް ވެސް ހިންގަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރާ ކޮންމެ ތުހުމަތަކާ ގުޅޭގޮތުން ވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ އަދުލުގެ ނިޒާމަށާއި ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުލުހުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި ކޯޓަކުން ނިންމާފައިވާ ނިންމުމަކާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަންޖެހޭކަމަށް ދެކޭނަމަ، އިސްތިއުނާފުކުރުމުގެ ހައްގުގެ ބޭނުންކުރަން ފުލުހުން ވަނީ އެދިފައެވެ.

ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ކަނޑައެޅިފައިވާ އަދުލުގެ ނިޒާމަށާއި ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުލުހުން ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި ކޯޓަކުން ނިންމާފައިވާ ނިންމުމަކާ މެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭ ނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަން ޖެހޭ ކަމަށް ދެކޭ ނަމަ، އެކަމަށް އޮތް ގާނޫނީ ހައްލަކީ އިސްތިއުނާފުކުރުމުގެ ހައްގުގެ ބޭނުން ކުރުން ކަމަށް ފުލުހުން ބުންޏެވެ.