ދުނިޔޭގެ އެންމެ ބޮޑު އެއް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި ކަމަށްވާ އޯޕަންއޭއައި އިން އެމެރިކާގެ ހިއްސާގެ ބާޒާރަށް ނުކުތުމަށްޓަކައި އިނިޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އަކަށް ސިއްރުން ހުށަހަޅައިފިއެވެ.
ވޯލް ސްޓްރީޓަށް ނުކުތުމަށް އޯޕަންއޭއައި އިން މި ފިޔަވަޅު އަޅާފައި ވަނީ، އެޕަލް ކުންފުނިން ބޭއްވި ޑަބްލިއުޑަބްލިއުޑީސީ 2026 ގައި އޭއައި އިންޓެގްރޭޓްކޮށްފައިވާ “ސިރީ އޭއައި” ތައާރަފުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗެޓްޖީޕީޓީ އުފެއްދި ކުންފުނިން ހިއްސާގެ ބާޒާރަށް ނުކުތުމުން، އެ ކުންފުނީގެ އަގު 850 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެއެވެ.
އޯޕަންއޭއައި އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ހިއްސާ ވިއްކަން ފަށާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އަދި އާންމު ކުންފުންޏަކަށް ވުމަށްވުރެ ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި އޮވެގެން ކުރަން ފަސޭހަ ކަންތައްތަކެއް ހުރުމުން، މިކަމަށް ވަގުތު ނަގާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އޯޕަންއޭއައި އިން ހިއްސާގެ ބާޒާރަށް ނުކުތުމަށް ހުށަހެޅި ލިޔެކިޔުންތައް މިހާރު އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އިން ދަނީ މުރާޖައާކުރަމުން ކަމަށް ހަބަރުތަކުގައި ވެއެވެ.
މާލީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އޯޕަންއޭއައިގެ މި ނިންމުމަކީ އޭއައި ޓެކްނޮލޮޖީގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެ ކުންފުނީގެ މަގާމު ވަރުގަދަކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ހާއްސަކޮށް އެޕަލް ފަދަ ބޮޑެތި ކުންފުނިތަކުން އޭއައިގެ ދާއިރާއަށް ވަދެ، ގޫގުލްގެ ޖެމިނައި މެދުވެރިކޮށް ސިރީ އަޕްގްރޭޑް ކުރުމަކީ އޯޕަންއޭއައި އަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އެޕަލް އިން ދާދި ފަހުން ތައާރަފު ކުރި ސިރީ އޭއައި އަކީ މީހުން ދައްކާ ވާހަކަ ފަސޭހައިން ދެނެގަނެ، އެކި އެޕްލިކޭޝަންތަކުގެ ތެރެއިން މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ސޮފްޓްވެއާއެކެވެ.
މީގެ އިތުރުން، އޯޕަންއޭއައިގެ އެންމެ ބޮޑު އެއް ވާދަވެރިޔާ ކަމަށްވާ އެންތްރޮޕިކް އިން ވެސް ދާދި ފަހުން ވަނީ 965 ބިލިއަން ޑޮލަރުގެ އަގަކާ އެކު އައިޕީއޯއަކަށް ހުށަހަޅައިފައެވެ. ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ކުންފުނިން ވެސް ހިއްސާގެ ބާޒާރަށް ނުކުތުމަށް މަސައްކަތް ކުރަމުން ދަނީ އިންވެސްޓަރުންގެ މެދުގައި އޭއައި އަށް އޮތް ޝައުގުވެރިކަން އެންމެ ބޮޑުވެފައިވާ ދަނޑިވަޅުގައެވެ.
އޯޕަން އޭއައި
އޯޕަން އޭއައި
އޯޕަން އޭއައި