ހެއިޓީން ވޯލްޑް ކަޕް 2026 ގައި ކުޅޭ ފުރަތަމަ މެޗަށް އެންމެ ހަތަރު ދުވަހަށްވެފައި ވަނިކޮށް، އެގައުމުން ބޭނުން ކުރާ ޖާޒީގެ ޑިޒައިން ބަދަލުކުރަން ޖެހިއްޖެއެވެ.

ފުރަތަމަ ފަހަރަށް 1974 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ހެއިޓީ މިފަހަރު އަލުން ވޯލްޑް ކަޕަށް ނުކުމެފައި ވަނީ 52 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. ހެއިޓީ ވޯލްޑް ކަޕަށް ނުކުންނާނީ ގައުމުގެ ހާލަތު އޮތް ގޮތުން ކޮލިފިކޭޝަންގައިވެސް ހޯމް މެޗެއް ނުކުޅެއެވެ.

އެގައުމުގެ ޖާޒީ ބަދަލުކުރަން ފީފާއިން އަންގާފައި ވަނީ އުސޫލުތަކާ ހިލާފުވާ ކަމަށް ބުނެއެވެ. އެގޮތުން ފީފާއިން ބުނީ ހެއިޓީގެ ޖާޒީގައި ހަނގުރާމައިގެ މަންޒަރުތައް ދައްކުވައިދޭ ފަރުމާއެއް ހިމެނޭ ކަމަށެވެ. އެއީ 1803 ވަނަ އަހަރު ހިނގި ބެޓަލް އޮފް ވެޓިއާސް ރަސްޒުކޮށްދޭ މަންޒަރެއް ކަމަށާއި، އެގައުމުގެ ޖާޒީން އޭރު ބޭނުންކުރި ދިދަ ފަނޑުކޮށް ފެންނަ ގޮތަކަށް ފަރުމާކޮށްފައިވާ ކަމަށް ފީފާއިން ބުނެފައިވެއެވެ. އެ ފާހަގަކުރި ހަނގުރާމައަކީ ހެއިޓީއަށް މިނިވަންކަން ލިބުނު ހަނގުރާމައެވެ.

ހެއިޓީގެ ޖާޒީއަކީ ސައެޓާ ނަމަކަށް ކިޔާ ކުންފުންޏެއްގެ ޖާޒީއެކެވެ. އެ ކުންފުނިން ބުނީ ހެއިޓީއަށް ތައްޔާރުކުރި ޖާޒީން ރަމްޒުކޮށްދެނީ އެގައުމުގެ ކުރިމަގަށްޓަކައި ގުރުބާންވި އެތައް ބައެއްގެ ހަނދާންތަކެއް ކަމަށެވެ. އެ ޖާޒީއަކީ ސިޔާސީ ގޮތުން އެއްވެސް މެސެޖެއް ދިނުމުގެ ނިޔަތުގައި ފަރުމާކުރި ޖާޒީއެއް ނޫން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މިހާރު ފީފާއާއެކު މަޝްވަރާކޮށް އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރާ ކަމަށް ބުންޏެވެ.

ހެއިޓީން އެތައް އަހަރަކަށްފަހު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. އެގައުމު ހިމެނެނީ ގްރޫޕް ސީގައެވެ. އެއީ ބްރެޒިލާއި މޮރޮކޯއާވެސް އެކުގައެވެ.