ސޯމާލިއާގެ ރެފްރީ އޮމަރް އަބްދުލްކާދިރު އަރްތަންއަކީ ސޯމާލިއާއިން ވޯލްޑް ކަޕަށް ދިޔަ ފުރަތަމަ ރެފްރީއެވެ. އޭނާ ތައްޔާރުވީ ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރި ފުރަތަމަ ސޯމަލިއާ ރެފްރީއަށް ވުމަށެވެ. އަރްތަންއަކީ މިވަގުތު އެފްރިކާގައި ވެސް ހުރި އެންމެ ގާބިލު އެއް ރެފްރީއެވެ. އެކަމުގެ ހެއްކަކީ 2025 ވަނަ އަހަރު އެފްރިކާ ފުޓުބޯޅައިގެ މައި އިދާރާ ކޮންފެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ހޮވި އެންމެ މޮޅު ރެފްރީއަކީ އޭނާ ކަމުގައި ވުމެވެ.
ސޯމާލިއާއަކީ އެމެރިކާގެ ބްލެކްލިސްޓް ގައުމަކަށްވާތީ، އަރްތަން އެމެރިކާއަށް ދިޔައީ ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދައި، ހުރިހާ ލިޔެކިޔުންތައް ހަމަކޮށްގެންނެވެ. އެހެން ނަމަވެސް އެމެރިކާ އިމިގްރޭޝަނަށް އޭނާވީ "ނިރުބަވެރިންނާ ގުޅުން އޮތް މީހަކަށެވެ." އެއީ ކިހާ ހިސާބުން ދިމާވި ކަމެއްކަން މީޑިއާތަކުން ވެސް ސާފެއް ނުވެއެވެ. ވޯލްޑް ކަޕުގައި އެމެރިކާއިން ދައްކަމުންދާ ހަރުކަށިކަމުގެ އިތުރު ސަފުހާއެއް އެ މައްސަލައިގައި ފެނިގެން ދިޔައެވެ. 11 ވަރަކަށް ގަޑިއިރު އެމެރިކާ ބޯޑާ ކޮންޓްރޯލުން އަރްތޯނާ ސުވާލު ކުރިއެވެ. ކުރިއެރުމެއް ނުލިބި، އެންމެފަހުން އަރްތަން ޖެހުނީ އެނބުރި ގައުމަށް ދާށެވެ.
ވޯލްޑް ކަޕަށް ރެފްރީން ހޮވަނީ އެކަމަށް ހާއްސަ ޕެނަލަކުންނެވެ. އެއީ އެއް ވޯލްޑް ކަޕުން އަނެއް ވޯލްޑް ކަޕާ ދެމެދު ހިނގާ ހަތަރު އަހަރުގެ އެސެސްމެންޓެއްގައެވެ. އެހުރިހާ ކަމަކުން މިފަހަރުގެ ވޯލްޑް ކަޕުގައި ޖުމުލަ 170 އޮފިޝަލުން ބޭނުން ކުރަން ނިންމިއެވެ. އޭގެ ތެރެއިން މިފަހަރު ވޯލްޑް ކަޕަށް ނެގީ 52 ރެފްރީންނެވެ. 88 އެސިސްޓެންޓް ރެފްރީންނެވެ. އަދި 30 ވީޑިއޯ މެޗް އޮފިޝަލުންނެވެ.
އެ ހުރިހާ ކަމަކަށް ބަލައި ނެގި ރެފްރީއެއް މުބާރާތުގެ ކުރިން އަނބުރާ ގައުމަށް ފޮނުވާލުންވީ ފީފާ ވޯލްޑް ކަޕުގެ ތާރީހުގައި ޖެހުނު ކަޅު ލައްގަނޑަކަށެވެ.
އަނބުރާ ދިޔުމުން ސޯމާލި އާއިން ބޮޑު މަރުހަބާއެއް، އަރްތަންގެ ހިތްވަރަށް ބަދަލެއް ނާދޭ
"އަހަރެމެން މިތިބީ ހީރޯއަކަށް މަރުހަބާ ކިޔަން. އެއީ އުމަރް އަރްތަން. އެއީ އަހަރެމެންގެ ހީރޯއެއް. މިގައުމުގެ ހީރޯއެއް. މުޅި އެފްރިކާ އާއި އަރަބިންވެސް އޭނާއަށް ފަހުރުވެެރިވާނެ،" ރެފްރީ އަރްތަން އެނބުރި ސޯމާލިއާއަށް ދިޔުމުން މަރުހަބާ ކިޔަން އެއްވެ ތިބި އެތައް ހާސް ސަޕޯޓަރުންގެ ތެރެއިން އެކަކު އަލް ޖަޒީރާއަށް ބުނެފައިވެއެވެ.
މިޔާމީ އެއާޕޯޓުގައި ހޭދަކުރި މާޔޫސީ ވަގުތަތަކަށްފަހު އަރްތަން އަނބުރި ގައުމަށް ދިޔުމުން އެއްވެ އޮތް އެތައް ބައެއްގެ ސަބަބުން އަރްތަންއަށް ލިބުނީ ތަފާތު ހިތްވަރެކެވެ. ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރުމުގެ ވިސްނުން އަދި ދުލެއްވެސް ނުކުރެއެވެ.
"އަހަރެން ބޭނުންވޭ މިތަނަށް އެއްވެ ތިބި އެންމެންނަށް ޝުކުރު އަދާކުރަން. އޭގެ ތެރޭގައި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ވެސް ހިމެނޭ. ސޯމާލިއާގެ މީޑިއާ ވެސް ހިމެނޭ. އަހަރެން ސޯމާލިއާގެ ސަރުކާރަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުން. އެއީ އުނދަގޫ ހާލަތުގައި އަހަރެން ދިފާއުގައި ތިބީތީ. އަހަންނަށް މިކަން ދިމާވުމަކީ މިކަމުގައި ތަގުދީރު އޮތް ގޮތް. އެކަމަކު އަދު ހުވަފެން ދުލެއް ނުކުރަން. އެއީ އަހަރެންގެ ހުވަފެނަކީ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުން. އެ އުންމީދު ދޫކޮށެއް ނުލަން. ހިތްވަރުވެސް ބައްޔެއް ނުވޭ،" އުމުރުން 33 އަހަރުގެ އަރްތަން ބުންޏެވެ.
އަރްތަން ބުނީ އުނދަގޫކަމުން އުފާވެރިކަން އަންނާނެ ކަމަށާއި އެ ދުވަހަށް އިންތިޒާރު ކުރާނެ ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ވެސް އަރްތަންއާ ދޭތެރޭ ހިނގި ކަންތަކުގައި މާބޮޑު އެއްޗެއް ވިދާޅުވެވޭކަށް ނެތެވެ. އެއީ ލަދެކެވެ. އެމެރިކާ ސަރުކާރުން އެ ނިންމި ނިންމުމުގައި ފީފާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް އިންފަންޓީނޯ ރޭ ވަނީ ވިދާޅުވެފައެވެ. އެކަމުގައި ހިތާމަކުރާ ކަމަށް ވިދާޅުވެ އޭނާ ފާހަގަކުރީ ސަރުކާރަކަށްވުރެ ފީފާއަށް ވަރުގަދަ ނުވެވޭނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026