އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް މަޑުޖެހިފައިވާތީ، އީރާނާ ދެކޮޅަށް އަސްކަރީ އަދި އިގުތިސާދީ އިތުރު ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ވައިޓް ހައުސްގެ ރެޕިޑް ރެސްޕޮންސް އެކައުންޓުން އެކްސްގައި އަދި ޓްރަމްޕްގެ އަމިއްލަ ޓްރުތު ސޯޝަލް އެކައުންޓުގައި އާންމުކުރެއްވި ބަޔާންތަކެއްގައި، މަޝްވަރާތައް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް ފައިދާހުރި އެއްބަސްވުމަކަށް އައުމަށް އެ ގައުމުން މާ ގިނަ ވަގުތު ނަގާފައިވާ ކަމަށާއި، އޭގެ އަގު މިހާރު އީރާނުން ދައްކަން ޖެހޭނެއެވެ. މީގެ އިތުރުން، އީރާނުގެ ދައުލަތުގެ މީޑިއާއިން ފަތުރަމުންދާ ހަބަރުތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށާއި، ހަގީގަތް އޮޅޭގޮތަށް އީރާނުން މައުލޫމާތު ފަތުރަމުންދާ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.
މި އިންޒާރުތައް ދީފައިވަނީ މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވެ، އެމެރިކާގެ ސިފައިން ތިބޭ ބަހްރެއިން، ކުވައިތު އަދި އުރުދުންއަށް އީރާނުން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ސަރުކާރުން ބޭނުންވަނީ އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމް ނައްތާލުމަށެވެ. ނަމަވެސް އީރާނުން އެކަމާ ދެކޮޅުހަދައި، ބަދަލުގައި އެދެމުންދަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށާއި ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމަށެވެ.
މަޝްވަރާތައް ހުއްޓިފައިވާއިރު، ޓްރަމްޕްގެ މި ހަރުކަށި ބަޔާންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެދާނެކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވެއެވެ. އަދި މިއީ މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށްވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އަނެއްކާވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އޮތް ދެ މަސްދުވަހުގެ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް