އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ސިއްރު އޮޕަރޭޝަނެއްގެ ދަށުން ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށް 100 މިލިއަން ފީފާގެ ތެޔޮ ރައްކާތެރިކަމާއެކު ބޭރުކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ވިދާޅުވެއްޖެއެވެ. 'ޓްރުތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައާއި އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، މިދިޔަ މަހު ފެށި މި އޮޕަރޭޝަންގެ ދަށުން 200 އަށްވުރެ ގިނަ ވިޔަފާރި ބޯޓުފަހަރު ވަނީ އެ ސަރަހައްދު ހުރަސްކޮށްފައެވެ.
ޓްރަމްޕް ވިދާޅުވީ، އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރަން މަސައްކަތްކުރި ނަމަވެސް، މިހާރު އެ ސަރަހައްދު ކޮންޓްރޯލް ކުރަނީ އެމެރިކާއިން ކަމަށެވެ. މި ސިއްރު އޮޕަރޭޝަންގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 250 ޑޮލަރަށް އެރުމުގެ ބަދަލުގައި، 85 އާއި 90 ޑޮލަރާ ދެމެދުގައި ހިފެހެއްޓިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކަކާ ގުޅިގެން އީރާނުން އެ ކަނޑުއޮޅި ބަންދުކުރުމަށް ނިންމުމާ ގުޅިގެން އެމެރިކާއިން އެޅި ފިޔަވަޅެކެވެ. މި އޮޕަރޭޝަންގެ ތެރެއިން އެމެރިކާގެ ސިފައިން ވަނީ 22 ބޯޓެއް އަތުލައިގެންފައި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ހަކަތައާ ބެހޭ ދާއިރާގެ ތަޖުރިބާކާރުންނާއި ކަމާބެހޭ ފަރާތްތަކުން ވަނީ ވާހަކަދައްކާފައެވެ. އެޓްލާންޓިކް ކައުންސިލް ގްލޯބަލް އެނަރޖީ ފޯރަމްގައި ވާހަކަދައްކަވަމުން އެމެރިކާގެ އެނަރޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރާ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ނަމަވެސް އޭނާ އިތުރު ތަފުސީލެއް ނުދެއްވައެވެ. މީގެ އިތުރުން، ޖޭޕީ މޯގަންގެ އެނަލިސްޓުން ލަފާކުރާ ގޮތުގައި، ޓްރެކިން ސިސްޓަމްތައް ނިއްވާލައިގެން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ދެ މިލިއަން ފީފާގެ ތެޔޮ އެ ކަނޑުއޮޅިން ބޭރުކުރަމުންދާ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ މި މުހިންމު ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، އީރާނާއެކު އޮތް ނުތަނަވަސްކަން އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް