ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭގޮތުން ސުވާލުކުރުމަށް، މައިކްރޮސޮފްޓްގެ ކޯ-ފައުންޑަރ ބިލް ގޭޓްސް މިއަދު އެމެރިކާގެ ހައުސް އޯވަސައިޓް ކޮމިޓީއަށް ހާޒިރުކޮށްފިއެވެ.
ކެޕިޓަލް ހިލްގައި ކުރިއަށްދާ މި ސިއްރު ބައްދަލުވުމަށް ވަޑައިގަންނަވަމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގޭޓްސް ވިދާޅުވީ، އޭނާ ކޮމިޓީއަށް ހާޒިރުވީ އަމިއްލަ އިހުތިޔާރުގައި ކަމަށާއި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކޮމިޓީން ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ގޭޓްސް ކޮމިޓީއަށް ހާޒިރުކޮށްފައި މިވަނީ، އެޕްސްޓީންއާ ގުޅޭ އެތައް މިލިއަން ލިޔެކިޔުންތަކެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ލިޔެކިޔުންތަކުން ދައްކާގޮތުގައި 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ގޭޓްސް ވަނީ އެޕްސްޓީންއާ އެތައް ފަހަރަކު ބައްދަލުކުރައްވައިފައެވެ.
މީގެ އިތުރުން، ލީކުވެފައިވާ އެތެރޭގެ ލިޔެކިޔުންތަކުން ޓްރަމްޕްގެ ސަރުކާރުގެ ދުވަސްވަރު ހިނގާފައިވާ ބައެއް ކަންކަން ވެސް ވަނީ ހާމަވެފައެވެ. މިގޮތުން، ބައިނަލްއަގުވާމީ އެހީގެ މަޝްރޫއުތަކަށް ޓްރަމްޕްގެ ސަރުކާރުގެ އެއްބާރުލުން ހޯދުމަށް ގޭޓްސް މަސައްކަތްކުރެއްވި ކަމަށާއި، ނަމަވެސް އެކަމަށް ޓްރަމްޕްގެ ޝައުގުވެރިކަން ނެތް ކަމަށް އެޕްސްޓީންގެ މެސެޖުތަކުގައި ބުނެފައިވެއެވެ. އެޕްސްޓީންގެ ފައިލްތަކާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން އަމަލުކުރި ގޮތާމެދު ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގޭޓްސްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އެޕްސްޓީން ހިންގި ގާނޫނާ ހިލާފު އެއްވެސް އަމަލެއްގައި ގޭޓްސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި އެޕްސްޓީންއާ ބައްދަލުކުރެއްވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ގޭޓްސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރިޕަބްލިކަން ޕާޓީގެ މެންބަރު ޖޭމްސް ކޯމަރ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި ތަހުގީގުގައި، މީގެ ކުރިން ވެސް އެމެރިކާގެ ނުފޫޒު ގަދަ އެތައް ބޭފުޅުންނަކާ ވަނީ ސުވާލުކޮށްފައެވެ. ކޮމިޓީން ނިންމާފައިވަނީ ގޭޓްސްގެ ބައްދަލުވުމުގެ ޓްރާންސްކްރިޕްޓް ފަހުގެ ތާރީހެއްގައި އާންމުކުރުމަށެވެ.
ބިލް ގޭޓްސް
ބިލް ގޭޓްސް
ބިލް ގޭޓްސް
ބިލް ގޭޓްސް