މިއީ ޓިކެޓްގެ އެކިއެކި ކަންކަމުގައި އިންތިހާއަށް ޝަކުވާ ގިނަ ވޯލްޑް ކަޕެކެވެ. ފީފާއިން އެ ޝަކުވާތަކަށް ޖަވާބުވެސް ދޭން ޖެހުނު ފަހަރެކެވެ. ފީފާއަށް ޓިކެޓްގެ ކަންކަމުގައި ޑިފެންސަށް ކުޅެން ޖެހުނީ، ޓިކެޓް ވިއްކުމުގެ އުސޫލުތަކަށް ގެނައި ބަދަލުތަކާވެސް އެކުގައެވެ. ހާއްސަކޮށް އެންމެ ނުފޫޒުގަދަ ހޯސްޓް، އެމެރިކާގެ ގާނޫނުތަކުން ޓިކެޓް، ރީސޭލް މާކެޓްގައި ވިއްކަން ހުއްދަ ދޭން ޖެހުންވެސް ވީ ފީފާއަށް ޕްރެޝަރާ ކުރިމަތިވި ކަމަކަށެވެ. ފީފާއިން ކްލަބު ވޯލްޑް ކަޕުން ފެށިގެންވެސް ބޭނުންކުރާ "ޑައިނަމިކް ޕްރައިސިން"ގައި ޓިކެޓް އަގުކުރީ ޑިމާންޑަށް ބަލައިގެންނެވެ. ޓިކެޓް ޑިމާންޑް އިންތިހާއަށް ބޮޑުކަމަށް ފީފާއިން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.
ޖުމުލަ ހަ މިލިއަނެއްހާ ޓިކެޓް، 500 މިލިއަން ރިކުއެސްޓް
ފީފާއިން މިފަހަރު ހަތަރު ފޭހަކަށް ޓިކެޓް ވިއްކަން ހުޅުވާލިއެވެ. އެއީ ޖުމުލަ ހަ މިލިއަނެއްހާ ޓިކެޓެވެ. ފުރަތަމަ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހުޅުވާލީ ވިސާ އޮންނަ މީހުނަށް ހާއްސަ ފޭހެކެވެ. އޭގެ ފަހުން އެ އަހަރު އޮކްޓޯބަރު މަހު އާލީ ޓިކެޓް ޑްރޯ، ގުރު އަތުން ހޮވޭ ބަޔަކަށް ވިއްކާ ގޮތަށް ފީފާއިން ހުޅުވާލިއެވެ. ފީފާގެ ތަފާސްހިސާބުތައް ބުނާ ގޮތުން 500 މިލިއަން ޓިކެޓް ރިކުއެސްޓް އެ ފޭހުގައި ލިބުނެވެ. އޭހެފަހުން މިއަހަރު ކުރީކޮޅު މައިގަނޑު ފޭހުގައި ޓިކެޓް ވިއްކަން ހުޅުވާލައި، މިއަހަރު އޭޕްރީލް މަހު އެންމެ ފަހުވަގުތު ޓިކެޓް ވިއްކަން އަލުން އަނެއްކާ ހުޅުވާލިއެވެ. އެއީ މުބާރާތް ޖެހެންދެން "އަވަހިއްޔާ އަވަސް" ސިސްޓަމަކަށް ވިއްކާ ޓިކެޓެވެ.
އަގުގެ ޝަކުވާ، ކުރިއަށްވުރެ ބޮޑުތަނުން އަގުބޮޑު
މިއަހަރު ވޯލްޑް ކަޕް ޓިކެޓްގެ އަގަށް ބަލާއިރު، ގްރޫޕް ސްޓޭޖުގެ މެޗެއް އާންމުކޮށް ހުރީ 60 ޑޮލަރާއި 100 ޑޮލަރާ ދެމެދުއެވެ. ނޮކްއައުޓް މެޗުތައް 1000 ޑޮލަރަށް އަރައިގެން ދިޔަ އިރު، ފައިނަލް މެޗުގެ އަގު ހުރީ 2000 ޑޮލަރާއި 6000 ޑޮލަރާ ދެމެދުއެވެ. އެއީ ގަތަރު ވޯލްޑް ކަޕާ ބަލާއިރުވެސް ބޮޑެތި އަގުތަކެކެވެ. ގަތަރު ވޯލްޑް ކަޕްގައި ޓިކެޓް ހުރީ 69 ޑޮލަރާއި 1600 ޑޮލަރާ ދެމެދު އަގުތަކެއްގައެވެ.
ސަޕޯޓަރުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ އަގުހެޔޮ ޓިކެޓްގެ އަދަދެއް ނޭނގުމާއި އަގު އަރައިގެންދާ ގޮތެއް ސާފު ނުވުމެވެ. އަދި ބައެއް މެޗުތަކުގެ އަގު ކުއްލިއަކަށް އަރައިގެންދާ ދިޔުން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
ޓިކެޓް އަލުން ވިއްކޭނެ މާކެޓެއް، މުޅިން އަލަށް
މިފަހަރު ވޯލްޑް ކަޕުގެ ޓިކެޓް ހަރަދުގެ އިތުރުން އެމެރިކާއަށް ދިޔުމާއި އެތެރޭ ދަތުރުފަތުރުގެ ހަރަދުވެސް ބޮޑުވެ، ފީފާއަށް އެތައް ސުވާލެއް ކުރިމަތިވިއެވެ. އެއީ ވޯލްޑް ކަޕުގައި އެންމެން ބައިވެރިކުރުމުގެ މަގުސަދު ގެއްލޭ ކަމަށް ބުނެއެވެ. ދެން ފެނުނީ މުޅީން އާ މަންޒަރެކެވެ. އެމެރިކާ ގާނޫނަށް ފައްތަން ވެގެން، ފީފާއިން ވަނީ ރަސްމީކޮށް ޓިކެޓް ރީ ސޭލް މާކެޓް ތައާރަފުކޮށްފައެވެ. އެ މާކެޓްގައި ޓިކެޓް ގަނެފައިވާ ފަރާތްތަކުން ފީފާއަށް ކޮމިޝަން ދޭ ގޮތަށް އަލުން ޓިކެޓް ވިއްކެއެވެ. ފައިނަލްގެ ޓިކެޓެއް ދެ މިލިއަނަށް އަރައިގެން ދިޔަ ދިޔުންވެސް ފާހަގަވި އިރު، މިއީ ފީފާއަށްވެސް އާ ތަޖުރިބާއެކެވެ.
އެ ހުރިހާ ކަމެއްގެ ތެރެއިން ފީފާއިން ބުނީ ޑިމާންޑް ބޮޑުވުން އެއީ އަގު އުފުލުނު އެއް ސަބަބު ކަމަށެވެ. އަދި ޓިކެޓު ވިއްކައިގެން ލިބޭ ފައިސާއަކީ ފީފާއިން ގައުމުތަކުގެ ފުޓުބޯޅައަށް ކުރާ ހޭދައެއް ކަމަށް ފާހަގަކޮށް ޕްރެޝަރު ކުޑަކުރިއެވެ. ފީފާއިން އެވާހަކަ ހަމަޖައްސާލި އެމެރިކާގައި މުނިފޫހިފިލުވުމުގެ މާކެޓްގެ އަގުވެސް ބޮޑު ވީމާ ވެގެން އުޅޭގޮތެއް ކަމަށް ބުނެފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ކޮމެންޓް