ފީފާ ވޯލްޑް ކަޕް 2026 އަކީ ތިން ގައުމެއްގައި ބާއްވާ ފުރަތަމަ ވޯރލްޑް ކަޕެވެ. އެ ތިން ގައުމަކީ އުތުރު އެމެރިކާއަށް ނިސްބަތް ވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ކެނެޑާ، މެދުތެރޭ އެމެރިކާއަށް ނިސްބަތް ވާ މެކްސިކޯއެވެ. ފީފާ ވޯރލްޑް ކަޕް ތިން ގައުމެއްގައި ބޭއްވުމަށް ނިންމި ނިންމުމަކީ، ވޯލްޑް ކަޕްގެ ބައިނަލްއަގުވާމީ ސިފަ އިތުރު ވަމުންދާ ދިޔުމުގެ، އަދި މުބާރާތް ބޭއްވުމުގައި ވީހައި ގިނަ ގައުމުތަކެއް ބައިވެރި ކުރުމުގެ ވިސްނުން ވަރުގަދަ ވެފައި ވާ ކަމުގެ ހެއްކެއް ކަމަށް ބެލެވެއެވެ.
މުބާރާތުގެ މެޗުތައް ކުޅެވޭނީ ޔުނައިޓެޑް ސްޓޭޓްސްގެ 11 ޝަހަރަކާއި، މެކްސިކޯގެ 3 ޝަހަރަކާއި، ކެނެޑާގެ 2 ޝަހަރަކާ އެކު، މުޅި ޖުމުލަ 16 ޝަހަރެއްގައެވެ. އެ ޝަހަރުތަކުގެ ލިސްޓު ތިރީގައި އެވަނީއެވެ.
- އެޓްލާންޓާ – އެމެރިކާ
- ބޮސްޓަން – އެމެރިކާ
- ޑަލަސް – އެމެރިކާ
- ހިޔުސްޓަން – އެމެރިކާ
- ކޭންސަސް ސިޓީ – އެމެރިކާ
- ލޮސް އެންޖެލިސް – އެމެރިކާ
- މަޔާމީ – އެމެރިކާ
- ނިއު ޔޯރކް/ނިއު ޖާޒީ – އެމެރިކާ
- ފިލަޑެލްފިއާ – އެމެރިކާ
- ސޭން ފްރާންސިސްކޯ – އެމެރިކާ
- ސިއެޓްލް – އެމެރިކާ
- ވެންކޫވަރ – ކެނެޑާ
- ޓޮރޯންޓޯ – ކެނެޑާ
- މެކްސިކޯ ސިޓީ – މެކްސިކޯ
- ގުއާޑަލަހާރާ – މެކްސިކޯ
- މޮންތެރޭއި – މެކްސިކޯ
މުބާރާތުގެ މެޗުތައް ކުޅޭ ޝަހަރުތައް ޖުޣުރާފީ ގޮތުން ބެހިފައި ވާ ސަރަހައްދުގެ ބޮޑުމިނަށް ބަލާ އިރު، މި ފަހަރުގެ ވޯރލްޑް ކަޕަކީ، މުބާރާތުގެ މެޗުތައް އެންމެ ދުރުދުރުގައި ކުޅެވޭ ވޯރލްޑް ކަޕެވެ. މުބާރާތުގެ ހަރަކާތްތައް އެންމެ ބޮޑު ޖުޣުރާފީ ސަރަޙައްދަކަށް ބެހިގެން ގޮސްފައި ވާ މުބާރާތެވެ.
ވޯރލްޑް ކަޕް ބޭއްވުމުގައި، މިއީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީން 1994 ވަނަ އަހަރު، ވޯރލްޑް ކަޕް އެމެރިކާގައި ބޭއްވުނެވެ. އެމެރިކާގައި ފުޓުބޯޅައިގެ ފޯރި ގަދަ ވެ، އެ ގައުމުގެ މަޝްހޫރު "މޭޖަރ ލީގް ސޮކަރ" ފުޓުބޯޅަ މުބާރާތް ތަޢާރަފު ކުރެވުނީ އެ އަހަރުގެ ވޯރލްޑް ކަޕަށް ފަހުގައެވެ. މި ފަހަރުގެ މުބާރާތަށް ވެސް އެމެރިކާ ވަނީ ފުޓުބޯޅައިގެ އުމްރާނީ އޮނިގަނޑު ވަރަށް ބޮޑަށް ތަރައްގީ ކޮށްފައެވެ. އެގޮތުން އާ ސްޓޭޑިއަމްތައް ބިނާ ކޮށް، ހުރި ތަންތަން އިތުރަށް ޒަމާނީ ކޮށް ވަރުގަދަ ކުރެވިފައި ވެއެވެ.
އަނެއްކޮޅުން، މެކްސިކޯ އަކީ ވޯރލްޑް ކަޕް ބޭއްވުމުގައި މި ފަހަރު ރިކޯޑެއް ހަދާނެ ޤައުމެކެވެ. މި ފަހަރުގެ ވޯރލްޑް ކަޕާ އެކު، އެ ޤައުމު ވެގެން ދާނީ ތިން ވޯރލްޑް ކަޕެއް ބޭއްވުމުގެ ޝަރަފު ލިބޭ ފުރަތަމަ ޤައުމަކަށެވެ. މީގެ ކުރީން މެކްސިކޯ އެކަނި ވޯރލްޑް ކަޕުގެ ދެ މުބާރާތެއް ހޮސްޓު ކޮށްފައި ވެއެވެ. އެއީ 1970 ވަނަ އަހަރުގެ މުބާރާތާއި، 1986 ވަނަ އަހަރުގެ މުބާރާތެވެ. އެ ދެ މުބާރާތަކީ ވެސް ވޯރލްޑް ކަޕްގެ ތާރީޚުގައި އެންމެ ފާހަގަ ކޮށްލެވޭ މުބާރާތްތަކުގެ ތެރެއިން ދެ މުބާރާތެވެ. އެގޮތުން، 1970 ގެ މުބާރާތަކީ ބްރެޒިލްގެ ތަރި އަދި ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ބުނެވޭ ޕެލޭގެ އެންމެ މަޝްހޫރު ވޯރލްޑް ކަޕެވެ. 1986 އަކީ މަރަޑޯނާގެ ޖާދޫ އެންމެ ފުރިހަމަޔަށް ފެނިގެން ދިޔަ ވޯރލްޑް ކަމެވެ. މި ފަހަރުގެ ވޯރލްޑް ކަޕުގެ ފުރަތަމަ މެޗު، 11 ޖޫން ގައި، ކުޅެވޭނީ މެކްސިކޯގައެވެ.
ވޯރލްޑް ކަޕް ބޭއްވުމުގައި، ކެނެޑާގެ ފުރަތަމަ ތަޖުރިބާއަކީ މި ފަހަރުގެ މުބާރާތެވެ. ނަމަވެސް މިފަދަ މުބާރާތްތައް ބޭއްވުމުގެ ތަޖުރިބާ އެ ޤައުމަށް ވެސް ވަނީ ލިބިފައެވެ. އެގޮތުން، 2015 ވަނަ އަހަރު ފީފާގެ އަންހެނުންގެ ވޯރލްޑް ކަޕް ބޭއްވިފައި ވަނީ ކެނެޑާގައެވެ.
ކެނެޑާ އާއި އެމެރިކާ އާއި މެކްސިކޯ ހިމެނޭ ބިޔަ ސަރަޙައްދަށް ވޯރލްޑް ކަޕް ފަތުރައިލުމުން، ދިމާ ވެދާނެ އުނދަގޫތަކުގެ ވާހަކަ ވެސް ދެކެވެއެވެ. އެއީ، އެއް ޝަހަރެއްގައި މެޗު ބެލުމަށް ފަހު، އަނެއް ޝަހަރަށް ދާން ސަޕޯޓަރުން ކުރާން ޖެހޭ ދިގު ދަތުރުތަކުގެ މައްސަލަ ފަދަ މައްސަލަތަކާ ގުޅުވައިގެންނެވެ. އެހެންކަމުން، މި ފަހަރުގެ ތަޖުރިބާއަށް ފަހު، މިކަމާ ބެހޭގޮތުން ކުރިމަގަށް މުހިއްމު ނިންމުމެއް ނިންމާން ފަހަރުގައި ފީފާއަށް ޖެހިދާނެއެވެ. ސަޕޯޓަރުންގެ "ފީޑްބެކް" އަންނަ ގޮތަކުން، ފަހަރުގައި ކުރިޔަށް އޮތް ތަނުގައި މިހައި ބިޔަ ސަރަޙައްދަކަށް ފެތުރިގެން ދާ ގޮތަށް މުބާރާތުގެ ޙަރަކާތްތައް ނުރޭވުން ވެސް އެކަށީގެން ވެއެވެ.
މި ފަހަރުގެ ވޯރލްޑް ކަޕްގެ ގިނަ މެޗުތަކެއް އެމެރިކާގައި ކުޅޭން ޖެހޭތީ، އެހެން މައްސަލައެއް ވެސް ދިމާ ވެއެވެ. އެއީ އެމެރިކާ އާއި އީރާނާ ދެމެދު އޮތް ހަނގުރާމައިގެ ހާލަތާ ހުރެ، އީރާނު މުބާރާތަށް ނުގޮސްފާނެކަމުގެ ބިރެވެ. އެކަމާ މެދު އަދިވެސް ދަނީ މަޝްވަރާ ކުރެވެމުންނެވެ. ވަކި ގޮތެއް ޔަޤީންކަމާ އެކު އަދިވެސް ނުނިމެއެވެ.
އަލް އުސްތާޛް އަޙްމަދު މާޖިދު
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް